ކޯލިޝަން ދެމެހެއްޓުމަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިޚް އިމްރާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޯލިޝަން ދަމަހައްޓަން ކުރިއަށް އޮތް ޚާއްސަ އިންތިޚާބު ވަރަށް މުހިންމު ކަމަށެވެ. އަދި ސަރުކާރު ހިންގުމަށް ވެސް ކޯލިޝަނުން އާންމު އިންތިޚާބު ކާމިޔާބު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ކޯލިޝަނުން އެކަށީގެން ނުވާ ވަރުގެ އުއްމީދެއް ކޯލިޝަނުން ނުކުރެއްވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ސަބަބަކީ އޭގެއިން ނިކުންނާނެ ނަތީޖާއަކީ މާޔޫސްކަމާއި ނާކާމިޔާބީގެ ހިތި ރަހަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މިއަދުގެ ސިޔާސީ މަސްރަހުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން ގައުމު އިސްކުރައްވައި، އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ކަންކަން އިސްލާހު ކުރައްވަން ނިކުތުމަށް އިމްރާން ގޮވާލެއްވިއެވެ.
އަދި ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވަން ކޯލިޝަނުން ފެއްޓެވި މަސައްކަތުގެ ނަތީޖާ ފެނިގެން ދާނީ ކޯލިޝަން ދެމެހެއްޓި އެކުގައި މަސައްކަތް ކުރެވުމުން ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާންގެ އިތުރުން އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކުގެ ތިން ލީޑަރުން ވެސް ވަނީ ކޯލިޝަން ދެމެހެއްޓުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވާފައެވެ.