ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ދިމާވެފައިވާ ހީނަރުކަން ހައްލު ކުރެވޭނެ ކަމަށާއި އެކަން ކުރުމަށް ބޭނުންވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރުންގެ ހިތްވަރު ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވެފައިވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ސުޕްރީމް ކޯޓަށް ފާޑުކިޔުމުގެ ސަބަބުން ތަކުރާރުކޮށް އެކި ފަހަރު މަތިން ސުއޫދުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑުކޮށް ކޯޓުތަކުގައި ވަކާލާތު ކުރުމުން މަހުރޫމް ކޮށްފައިވެއެވެ.
އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކޮށް އިސްލާހު ކުރުމަކީ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ކޯޓުތަކުން ސިޔާސީ ފަރާތްތަކަށް ބޭއިންސާފުން ހުކުމް ކޮށްފައިވާ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ.
އެގޮތުން ފާއިތުވެދިޔަ ހަފްތާތަކުގައި ސުޕްރީމް ކޯޓުން ވަނީ އިދިކޮޅު ބައެއް ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮށްފައިވާ ޖަލު ހުކުމްތައް ބާތިލުކޮށްފައެވެ. އަދި ބައެއް ލީޑަރުންގެ ޖަލު ހުކުމް ފަސްކުރުން ލަސް ކުރުމަށް ވެސް ކޯޓުން ވަނީ އަމުރު ނެރެފައެވެ.