Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

އެމްއެމްޕީއާރްސީ ތަހުގީގަށް އަޒީމާ އޭސީސީއަށް ހާޒިރު ކުރަނީ

އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އަޒީމާ އޭސީސީއަށް ހާޒިރުވާން އެންގީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ ކުރިން ބައެއް ފަރާތްތަކުގެ ބަޔާން ނެގުމަށް ކަަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާގެ ހިޔާނާތް ހިންގި އިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރަކީ އަޒީމާއެވެ. ދާދި ފަހުން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެތަނުގެ މުވައްޒަފުންނަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލަ އެތަނުގެ މުވައްޒަފު ގާސިމް އަބްދުލް ކަރީމް ލީކު ކޮށްލުމުގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓާއި ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލާގައި އެމްއެމްއޭއިން ފިޔަވަޅު އަޅާފައި ނުވެއެވެ.

އަޒީމާ އޭސީސީއަށް ހާޒިރުވާން އެންގިއިރު ދިރިއުޅުއްވަމުން ގެންދަވަނީ ފިރިކަލުންނާއި އެކު އެމެރިކާގައެވެ. އަޒީމާގެ ފިރިކަލުން އަލީ ނަސީރަކީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވުމުން އޭރު އަޒީމާ ފިއްލަވަނީކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެވާހަކަ ތަކާއި ގުޅިގެން އަޒީމާ އޭރު ވިދާޅުވީ ފިލައިގެން ދާން ޖެހޭ ސަބަބެއް ނޯންނާނެކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދު 1.2 ބިލިއަނަށް އަރާއިރު އެފައިސާ ހޯދުން ވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.