Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

އައްޑޫއަށް އިތުރު ދެ ގޮޑި ދިނުމަށް ތާއިދު: އަސްލަމް

އައްޑޫއަށް އިތުރު އިންތިހާބީ ދެ ދާއިރާ ލިބުމަށް ތާއިދުކުރައްވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަންނަ މާޗު މަހު ބާއްވާ މަޖްލިސް އިންތިހާބުގައި އައްޑޫގެ އިންތިހާބީ ދާއިރާތަކަށް ބަދަލު ގެނައުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ. އަދި އިލެކްޝަނުންވެސް ވަނީ އިންތިހާބީ ދާއިރާތަކަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން އައްޑޫގެ ދާއިރާތައް މިހާރު ތަމްސީލް ކުރައްވާ މަޖްލިސް މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.

އައްޑޫގެ އާބާދީ މިހާރު އިތުރުވެފައިވާ ގޮތަށް ބަލާއިރު އިތުރު ދެ ގޮޑި ލިބުމުގެ ފުރުސަތު ބޮޑެވެ. އެގޮތަށް ދެ ގޮޑި ލިބޭއިރު މިހާރު މީދޫ ދާއިރާގެ ގޮތުގައި އޮތް މަރަދޫފޭދޫ މީދޫ ވަކިކޮށް ވަކި ދެ ދާއިރާއެއް ކަނޑައެޅުން ކައުންސިލުން ވަނީ އިލެކްޝަނަށް ލަފާ އަރުވާފައެވެ.

ގޮޑި އިތުރު ކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ބަހުސްކުރެވެމުން ދަނިކޮށް އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ރައްޔިތުންނަށް އިތުރު އިންތިހާބީ ދާއިރާ ލިބުމުގެ ހައްގަށް ފުރިހަމައަށް ތާއިދު ކުރައްވާކަމަށެވެ.

އާބާދީ އިތުރުވެފައިވާ ގޮތުން ހިތަދޫއަށް އިތުރު ގޮޑިއެއް ލިބުން ވަރަށް މުހިއްމުކަމަށް ހިތަދޫ ރައްޔިތުން ވަނީ އިލެކްޝަން ކަމިޝަނުގައި އެދިފައެވެ.

އިންތިހާބީ ދާއިރާތަކަށް ބަަދަލު ގެނެސް އައްޑޫއަށް އިތުރު ދެ ގޮޑި ލިބުމަށް އަސްލަމް ފިޔަވައި އައްޑޫގެ އިތުރު މެމްބަރަކު އަދި ތާއިދު ކުރައްވައި އާއްމުކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ.

އައްޑޫ މިހާރު ތަމްސީލު ކުރައްވަނީ 7 މެމްބަރުންނެވެ.