Last Updated: June 9, 14:14
Tuesday, June 9, 2026
ކުޅިވަރު

ހަނިގޮތަކަށް ބޯންމައުތް އަތުން ޔުނައިޓެޑު ސަލާމަތްވެއްޖެ

ގޯލަށް ފަހު ޓީމާއެކު ރަޝްފޯޑް އުފާ ފާޅުކުރަނީ: ފޮޓޯ - މެންޗެސްޓާ ޔުނައިޓެޑް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތް ބައްދަލުކުރި މެޗު 2-1 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބޯންމައުތް އިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. ކެލަމް ވިލްސަންގެ ގޯލަކުން ޔުނައިޓެޑު ހާސްކޮށްލީ 12 ވަނަ މިނެޓުގައެވެ. ނަމަވެސް އެންތޮނީ މަޝިއަލް ވަނީ 35 ވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އެންމެ ފަހަކަށް ލީގުގައި ޔުނައިޓެޑުން ކުޅުނު ހަތަރު މެޗުން އޭނާ ޖެހި 5 ވަނަ ގޯލެވެ.

ދެވަނަ ހާފުގައި ލަނޑު ޖަހަން ޔުނައިޓެޑުން މަސައްކަތް ކުރި ނަމަވެސް ބޯންމައުތް އިން ވަނީ ޑިފެންސަށް ވިސްނައި ކައުންޓާ އެޓޭކު ފުޓުބޯޅައަށް ބަދަލުކޮށްފައެވެ.

ޔުނައިޓެޑަށް މެޗުން ތިން ޕޮއިންޓު ހޯދާދިނީ 90 މިނެޓު ހަމަވެގެން އިތުރު ވަގުތު ކުޅެމުން ދަނިކޮށް މާކަސް ރަޝްފޯޑްއެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ ޔުނައިޓެޑު ޓީމުގެ ޑިފެންސުގައި މައްސަލަ އެބަ އުޅޭ ކަމަށާއި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމުން މޮޅު ހައްގު ކަމަށެވެ.

މިނަތީޖާއެކު ޔުނައިޓެޑު އޮތީ 20 ޕޮއިންޓާއެކު 7 ވަނައިގައެވެ. ޔުނައިޓެޑަށް ވުރެ ކުރީގައި ހަވަނައިގައި އޮތީ ބޯންމައުތް އެވެ. ދެޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓު ލިބިފައިވާއިރު ޔުނައިޓެޑު ފަހަތަށް ދިޔައީ ގޯލުގެ ތަފާތުންނެވެ.