Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ޝަހީމު އާއި އެކު ސިޔާސީ މަސައްކަތް ކުރަން ދަތިވާނެ: އިމްރާން

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެކު ކުރިއަށް އޮތްތަނުގައި ސިޔާސީ އެއްވެސް މަސައްކަތެއް ކުރަން ދަތިވާނެކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާންގެ އެންމެ ގާތް އެކުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެވެ.

ޓެރަރިޒަމް ކުށް ސާބިތުވެ 12 އަހަރަށް ހުކުމްކޮށްފައިވަނިކޮށް ނޮވެމްބަރ 1 ވަނަ ދުވަހު މިނިވަންވި ޝެއިހް އިމްރާން ރާއްޖެޓީވީ "ފަލަ ސުރުހީ"ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޑރ. ޝަހީމްއާއި އެކު ދެން ސިޔާސީ މަސައްކަތް ކުރުމަށް ދަތިވާނެކަމަށެވެ.

އިމްރާން ވިދާޅުވީ ޑރ. ޝަހީމްއަކީ ތައުލީމީ ހަޔާތުގައި ވަރަށް ގާތް އެކުވެރިއެއް ކަމަށާއި، ނަމަވެސް ހިނގައިދިޔަ ކަންތަކަށް ފަހު ސިޔާސީ ކަންކަން އެކުގައި ނުކުރެއްވޭނެކަމަށެވެ. އިމްރާން ވިދާޅުވީ އެެކުގައި ތައުލީމް ހާސިލުކޮށް ސިޔާސީ ދާއިރާއަށް ދެބޭފުޅުން ނިކުންނެވީވެސް އެކުގައިކަމަށެވެ.

އިންތިހާބީ ދުވަސްވަރު ޝެއިހް އިމްރާން އާއިއެކު ސަރުކާރުން ޑީލް ހައްދަވަން ޑރ. ޝަހީމް މަސައްކަތް ކުރެއްވި ކުރެެއްވުމަށް އިމްރާން ވިދާޅުވީ އެމަނިކުފާން ގަބޫލް ކުރައްވާ ގޮތް ދޫކުރައްވައި ޑީލެއް ނުހައްދަވާނެކަމަށެވެ.

އިމްރާން ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި ފުރަތަމަވެސް ނިކުންނެވީ ވަރަށް ގަބޫލް ކުރެއްވުމަކާއި އެކު ކަމަށެވެ. އަދި އެމަސައްކަތަށް ނިކުންނެވުމުން ހައްޔަރުކޮށް ޖަލުގައި ތިން އަހަރު އޮތުމަށް ފަހު ހައްދަވަން ޖެހޭ ޑީލެއް ނޯންނާނެކަމަށެވެ. އަދި އެދުވަހު ޑީލު ނުހެއްދެވުމުން މިއަދު މިތިބީ މާ އުފާވެރި ދުވަސްތަކެއް ލިބިފައި ކަމަށެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ހޭދަ ކުރައްވަން ލިބިވަޑައިގަތް ތިން އަހަރަކީ އަމިއްލަ ބޭނުންވި ކަން ހާސިލްކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި އެއީ އެގޮތުން އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ.