މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނާއި ޚިލާފަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މަހުލޫފު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސައްހަ ކަމަށް އެކޯޓުން ނިންމުމުން، މަހްލޫފް ވަނި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުން މައްސަލަ ބެއްލެވުމަށް ފަހު މިއަދު ހުކުމް ކުރީ މަހްލުފާ އެއްކޮޅަށެވެ.
ފެބްރުއަރީ 22 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ތެރެއިން މަހްލޫފް ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކަށާއި ނޫސްވެރިންނަށް މާސްކު ބަހަން ހުއްޓައެވެ. މަހްލޫފް މާސްކު ބަހަމުން ދިޔައީ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހަމުން ދިޔުމުންނެވެ.
އޭނާގެ މައްޗަށް މީގެ ކުރިން ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ބުނެ ދެދައުވާއެއް އުފުލައި، ދައުވާ ސާބިތުވެ ހުކުމް ތަންފީޒުވެސް ކޮށްފައިވެއެވެ. އެފަހުން އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.