Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ވަކި ދާއިރާއަކަށް މަރަދޫފޭދޫ ބަދަލުކޮށްދިނުމަށް އެެދި ޕެޓިޝަނެއް ހަދައިފި

އިލެކްޝަން ކަމިޝަން މެމްބަރުން މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ، ރަށު ރައްޔިތުން ބޭނުންވަނީ ވަކި ދާއިރާއެއްގެ ގޮތުގައި އެދާއިރާ އޮތުމަށް.

މަރަދޫފޭދޫ، މީދޫ ދާއިރާއިން ވަކިކޮށް އާ ދާއިރާއަކަށް ބަދަލުކޮށްދިނުމަށް އެދި މަރަދޫފޭދޫ ރައްޔިތުން ޕެޓިޝަނެއް ހަދައި ސޮއި ކުރަން ފަށައިފިއެވެ.

މަރަދޫފޭދޫ ރައްޔިތުން މިފަދަ ޕެޓިޝަނެއް ހަދާފައިވަނީ އެދާއިރާ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އިލެކްޝަން ކަމިޝަނުގައި އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެއަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ އައްޑޫގެ އާބާދީއަށް މިފަހުން އައި ބަދަލާއި ގުޅިގެން އައްޑޫ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލިސްއަށް އިތުރު 2 ގޮނޑި އިންތިހާބު ކުރުމުގެ ފުރުސަތު ފަހިވެފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ މެންބަރުންނާއި ތިޔަ ކައުންސިލްގެ އިއްޒަތްތެރި މެންބަރުންނާއި މަޝްވަރާ ހިންގަމުން ދާހިނދު މަރަދޫފޭދޫގެ ލޮބުވެތިރައްޔިތުންނަށް ގާނޫނީގޮތުން މިނިވަން މުސްތަގިއްލު ގޮތެއްގައި މި ސިޓީގެ އެހެން އަވަށްތަކުންވެސް ތަމްސީލުވަމުންދާހެން މަރަދޫފޭދޫގެ ރައްޔިތުންވެސް ހަމަ އެގޮތަށް ތަމްސީލުވެވޭނެ ގާނޫނީ ހައިސިއްޔަތެއް ހޯއްދަވާ ދެއްވުމަށް ވަކާލާތު ކުރައްވަމުންގެންދަވާތީ އެކަމަށްޓަކައި މަރަދޫފޭދޫ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލަށް ޝުކުރު ދަންނަވާކަމަށެވެ.

"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށި ހިސާބުންފެށިގެން މި އަވަށުގެ ރައްޔިތުން ތަމްސީލުކުރުމުގައި ބަސްކިއުމުގެ ރަސްމީ ހައިސިއްޔަތެއް މަރަދޫފޭދޫ ރައްޔިތުންނަށް ލިބިފައި ނުވުމަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. މިހާރު މިއަވަށް ނިސްބަތްވާ މީދޫދާއިރާ ހިމެނެނީ ކަނޑުދަތުރުފަތުރުކޮށްގެން ދެވޭ އެހެން އަވަށަކާއި(މީދޫއާއި) އެކުގައި ކަމަށްވާތީ ރައްޔިތުން ދާއިރާގެ ކަންކަމަށް އިންތިހާބުކުރާ މަގާމްތަކަށް އިސްވަނީ އާބާދީ ބޮޑުއަވަށަށް ނިސްބަތްވާ މީހަކަށްވާތީ އާއި އިދާރީގޮތުން ދުވަހުގެ މަސައްކަތް ހިންގުމަށާއި އިޖުތިމާޢީ ހަރަކާތްތެރިކަން އިތުރު ކޮށް ހިންގުމަށާއި ރައްޔިތުންގެ އެކިއެކި ހަރަކާތްތައް ވިލަރެސްކޮށް ހެދުމަށް ދަތިތަކެއް ތަހައްމަލުކުރަން ޖެހޭއިރު ސިޔާސީ ބާރުވެރިކަމުގެ މިލްކުވެރިކަމުން މި އަވަށުގެ ރައްޔިތުން ވަނީ މަހުރޫމްވެފައެވެ. މިއީ މި ސިޓީގެ އެއްވެސް އަވަށެއްގެ ރައްޔިތަކު ތަހައްމަލުނުކުރާ ދަތި ހާލަތެކެވެ."

މަރަދޫފޭދޫ ރައްޔިތުންގެ ޕެޓިޝަނުގައިވެއެވެ.

"މަރަދޫ ފޭދޫ ރައްޔިތުން މަރަދޫފޭދޫ ރައްޔިތުން އެދޭ ހާލަތު ބަދަލުކުރުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށާއި ރަށުގެ ތަރައްޤީއަށް އަދި ސިޔާސީ މައިދާނުގައި ސީދާ ރައްޔިތުންގެ ބަސް އިއްވުމަށް ރައްޔިތުން ނުހަނު ބޭނުންވެއެވެ. އެހެންވެ މަރަދޫފޭދޫ ގެ ރައްޔިތުންގެ މެޖޯރިޓީއަށް ނިސްބަތްވާ ވަކި ދާއިރާއެއްގެ ގާނޫނީ ހައިސިއްޔަތު މި އަވަށުގެ ރައްޔިތުންނަށް ލިބުމަކީ މި އަވަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ހަމައެހެން އެއީ ލާމަރުކަޒީ ނިޒާމުގެ ޚިދުމަތްތަކާއި ފުރުސަތުތައް މަރަދޫފޭދޫގެ ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު ލިބިގެންދާނެ ހަމައެކަނި މަގުވެސް މެއެވެ."

މަރަދޫ ފޭދޫ ރައްޔިތުން އިތުރަށް އެދިފައިވަނީ އެ އަވަށަކީ ވަކި ދާއިރާއަކަށް ނިސްބަތްނުވާ ހަމައެކަނި އަވަށަށް ވާތީ މިހާރު މަރަދޫފޭދޫ، މީދޫއާއި ގުޅުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެރަށުގެ މެޖޯރިޓީ އާބާދީއާއި ފޭދޫގެ އާބާދީއިން ބަޔަކާއިއެކު "މަރަދޫފޭދޫ ދާއިރާ" މިނަމުގައި ދާއިރާއެއް އުފައްދައި އެރަށުގެ ރައްޔިތުންނަށް ގާނޫނީ ހައިސިއްޔަތު ހޯއްދަވައި ދިނުމަށެވެ.

އިންތިހާބީ ދާއިރާތައް ބަދަލު ކުރުމާއި ގުޅޭގޮތުން އައްޑޫއަށް އިތުރު ދެ ގޮޑި ލިބުމަށް އެދޭކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަރަދޫފޭދޫ ވަކިކޮށް އިތުރު ދެގޮޑި އައްޑޫއަށް ލިބޭތޯ ނުވަތަ ނޫންތޯ އެނގިގެންދާނީ މިކަމާއި އިލެކްޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.