އިންޑިިޔާ ކަނޑުގެ ގައުމުތައް ހިމެނޭ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން(އައިއޯއާރްއޭ) އާ އެންމެ ފަހަކަށް ގުޅުނު ގައުމަކަށް ރާއްޖެ ހިމެނިއްޖެއެވެ.
އައިއޯއާރްއޭގެ މެމްބަރު ކަމަށް ރާއްޖެ އެދިފައިވަނީ މިދިޔަ އަހަރުގައެވެ. ރާއްޖެ މެމްބަރުކަމަށް ކަނޑައަޅައި އިއުލާން ކުރީ ހުކުރު ދުވަހު ދެކުނު އެފްރިކާގެ ޑާބަންގައި ބޭއްވި އައިއޯއާރްގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމެއްގައެވެ.
ރާއްޖެ އައިއޯއާރުއޭގައި ހިމަނަން ބަހުސް ކުރީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ބަހުސްގައި ރާއްޖެ ހިމެނުމާ ދެކޮޅު ހެދީ މޮރިޝަސްއިންނެވެ. ނަމަވެސް އިންޑިޔާއިން ވަނީ ރާއްޖޭގެ ދިފާއުގައި ވަކާލާތު ކޮށްފައެވެ.
މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ވާހަކަ ދެއްކީ އދ. އިން ޗާގޮސް ޖަޒީރާތަކުގެ ސިޔާސަތާ ގުޅޭގޮތުން ނެގި ވޯޓެއްގައި، ދިވެހި ރާއްޖެއިން އެގައުމާ ދެކޮޅަށް ވޯޓު ދިނުމުންނެވެ.
ޚަބަރު ލިބޭ ގޮތުގައި އިންޑިޔާ އިން ވަނީ މޮރިޝަސްއާ ވާހަކަ ދައްކައި، ރާއްޖޭގެ ސިޔާސީ ދާއިރާއާ ގުޅޭ ގޮތުން މައުލޫމާތު ދީފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ސެޕްޓެމްބަރު މަހު ނެގި ވޯޓުން ބަދަލުވެފައިވާކަން އިންޑިޔާއިން މޮރިޝަސް އަށް އެންގި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގެ އިތުރުން 21 ގައުމެއް އައިއޯއާރްގައި ތިބެއެވެ. އެއީ އިންޑިޔާ، އޮސްޓްރޭލިޔާ، ސްރީ ލަންކާ، ބަންގްލަދޭޝް، މެލޭޝިޔާ، އިންޑޮނޭޝިޔާ، ތައިލެންޑް، ޔޫއޭއީ، ޔަމަން، އިރާން، ކެންޔާ، މޮރިޝަސް، މަޑަގަސްކަރ، ކޮމޮރޯސް، މޮޒަމްބީކް، ސީޝެލްސް، އޮމާން، ސިންގަޕޯ، ސޯމާލިއާ، ޓެންޒޭނިއާ އަދި ދެކުނު އެފްރިކާއެވެ.
އައިއޯއާރުއޭ އުފެއްދެވީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް، ނެލްސަން މަންޑޭލާއެވެ.