Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ސިޔާސީ ކަންތަކަށް ހުސްވެ އެނބުރި އަންނާނަން: ޝަހީމް

ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު ހަނު ހުންނެވީ ސުލްހައަށް ޖާގަ ދެއްވުމަސް ކަމަށާއި، ނަމަވެސް އަލުން ސިޔާސީ ދާއިރާއަށް ނިކުންނަވާނެކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބު ވެވަޑައިގެންނެވުމާއި ގުޅިގެން ޝަހީމްގެ އަޑުވަނީ ސިޔާސީ ދާއިރާއިން ކެނޑިފައެވެ.

ޝަހީމް މިއަދު ވިދާޅުވީ ސިޔާސީ ކަންކަމަށް ހުސްވެ މިއމަހުގެ މެދުތެރޭ އެނބުރި އަލުން ސިޔާސީ ދާއިރާއަށް ނިކުންނަވާނެކަމަށެވެ. އަދި އަޒުމެއް ނުގުޑާނެކަމަށާއި މައިދާން ދޫކޮށް ވަޑައި ނުގަންނަވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ސިޔާސީ ދާއިރާއަށް ނިކުންނެވި ޑރ. ޝަހީމް މިހާރު ހުންނެވީ ޕީޕީއެމްގައެވެ. އެމަނިކުފާނާއި އެންމެ ގާތް އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާން ރޭ ވިދާޅުވީ ޑރ. ޝަހީމާއި އެކު ސިޔާސީ މަސައްކަތް ކުރައްވަން ވަރަށް ދަތިވާނެކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަށް ހުންނެވި އިރުވެސް ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާއެވެ. މިވަގުތު ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔުނިވާސިޓީ މަސައްކަތުގައިކަމަށް ޝަހީމް ވިދާޅުވިއެވެ.