ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ގުޅޭ ކަރަޕްޝަން ވާހަކަތަކެއް ދެއްކި އައްޑޫ ފެނަކައިގެ 4 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަތަރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އެ އޮފީހުގެ މުވައްޒަފުން ހަދާފައިވާ ނުރަސްމީ ވައިބަރ ގްރޫޕެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާނަށް އަމާޒުކޮށް ކުންފުނީގެ ކަރަޕްޝަނާއި ގުޅޭ ވާހަކަތަކެއް ދެއްކުމާއި ގުޅިގެންނެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ލައްމާން ވަނޯ ތިން މުވައްޒަފަކަށް ސަސްޕެންޑު ކުރި ކަމުގެ ލިޔުންވަނީ ފޮނުވާފައެވެ. ފެނަކަ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާން ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުންފުނިން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން 12 އޮކްޓޯބަރުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑު ކުރެވުނު ވާހަކަ ދަންނަވާކަމަށެވެ. އަދި މި މުއްދަތުގައި މި މައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެދިއްޖެނަމަ އެކަމަށް އެއްބާރުލުން ދެއްވުމަށެވެ.
ސަސްޕެންޑުކުރުމަށް ފަހު މުވައްޒަފުން ކަނޑާލާފައިވަނީ 1 ނޮވެމްބަރުން ފެށިގެންނެވެ. އެގޮތުން ސަސްޕެންޝަންކޮށް ކަނޑާލާފައިވަނީ އިންޖީނުގޭގެ، އެސިސްޓެންޓު އިންޖިނިއަރ މުންސިފް އަލީ އާއި ސ. ބްރާންޗުގެ ޓެކްނީޝަން ހުސެއިން ލިޒާމް އާއި ޓެކްނިޝަން މުހައްމަދު ޝިޔާރުއެވެ.
މީގެ އިތުރުން ސީނިއަރ ޓެކްނީޝަން ހަސަން ޝަނޫނު ވަނީ އިންޒާރު ދިނުމަކާއި ނުލައި 1 ނޮވެމްބަރުން ފެށިގެން ވަޒީފާއިން ވަކިކޮށްފައެވެ. މި ހަތަރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުންޏަށް ލިބިދާނެ ގެއްލުމަކަށް ކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ވަޒީފާއިން މުވައްޒަފުން ވަކި ކުރީ އެ ވައިބަރ ގްރޫޕްގައި ކުންފުންޏަށް ގަނެފައިވާ 50 މިލިއަން ރުފިޔާގެ ސްޕެއާޕާޓްސްގެ ވާހަކަ ދެއްކައި އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުވައްޒަފުން ނެރުމާއި ކުންފުނީގެ މުދަލާއި ވަސީލަތް ބޭނުންކުރި ވާހަކަތަކާއި ކުންފުންޏަށް ލިބޭ ފައިސާއިން ބޭކާރު ހަރަދުކޮށް ކުންފުނިތައް ހިންގާ ވާހަކަ ދައްކާފައެވެ.
އައްޑޫ އިންޖީނުގެއަށް ގަނެފައިވަނީ އާ ސްޕެއާގެ އަގަށް ބޭނުންކޮށްފައި ހުރި ބާތަކެތި ކަމަށް މައުލޫމާތު ލިބެއެވެ.
މުވައްޒަފުން ވަޒީފާއިން ވަކި ކުރި މައްސަލާގައި ބަހެއް ހޯދާލުމަށް ކުންފުނީގެ އެމްޑީ ލައްމާނުއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ އިތުރު ތަފްސީލެއް ނުލިބެއެވެ. މީގެ ކުރިން އިންޖިނުގެ އާއި ގުޅޭ މައުލޫމާތެއް ހޯދުމަށް ލައްމާނުއަށް ގުޅުމުން ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ގުޅުއްވުމަށެވެ.