Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ވަކި ދާއިރާއަކަށް މަރަދޫފޭދޫ ކަނޑައަޅައި ދިނުމަށް އިލެކްޝަނާއި މަޝްވަރާކޮށްފި

އިންތިހާބީ ވަކި ދާއިރާއަކަށް މަރަދޫފޭދޫ ކަނޑައަޅައި ދިނުމަށް އެދި އެ ރަށުގެ ޒުވާނުންތަކެއް އިލެކްޝަން ކަމިޝަނާއި މަޝްވަރާކޮށްފިއެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ މަރަދޫފޭދޫ ރައްޔިތުންތަކެއް ކަމިޝަނާއި ބައްދަލު ކޮށްފައިވަނީ އެ ރައްޔިތުންނަކީ މައިނޯރިޓީ ރައްޔަތަކަށްވެ، އެ ރައްޔިތުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމުގެ ހައްގުން މަހްރޫފު ވެފައިވާ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ކަމަށެވެ.

ޝަރީފު ވިދާޅުވީ މަރަދޫފޭދޫ ރައްޔިތުންގެ އަޑު އަހައި، އެކަމަށް ހައްލެެއް ހޯދައިދޭން ކަމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. ނަމަވެސް އެކަމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މަރަދޫފޭދޫ ރައްޔިތުންގެ ހުށަހެޅުން އިލެކްޝަން ކަމިޝަންގެ މެމްބަރުންނާއި އެކު އިތުރަށް މަޝްވަރާ ކުރައްވާނެކަމަށެވެ.

މަރަދޫ ފޭދޫ ރައްޔިތުން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށި ހިސާބުންފެށިގެން މި އަވަށުގެ ރައްޔިތުން ތަމްސީލުކުރުމުގައި ބަސްކިއުމުގެ ރަސްމީ ހައިސިއްޔަތެއް މަރަދޫފޭދޫ ރައްޔިތުންނަށް ލިބިފައި ނުވުމަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

އަދި މިހާރު މަރަދޫފޭދޫ ނިސްބަތްވާ މީދޫބދާއިރާ ހިމެނެނީ ކަނޑުދަތުރުފަތުރުކޮށްގެން ދެވޭ އެހެން އަވަށަކާއި(މީދޫއާއި) އެކުގައި ކަމަށްވާތީ ރައްޔިތުން ދާއިރާގެ ކަންކަމަށް އިންތިހާބުކުރާ މަގާމްތަކަށް އިސްވަނީ އާބާދީ ބޮޑުއަވަށަށް ނިސްބަތްވާ މީހަކަށްވާތީ އާއި އިދާރީގޮތުން ދުވަހުގެ މަސައްކަތް ހިންގުމަށާއި އިޖުތިމާޢީ ހަރަކާތްތެރިކަން އިތުރު ކޮށް ހިންގުމަށާއި ރައްޔިތުންގެ އެކިއެކި ހަރަކާތްތައް ވިލަރެސްކޮށް ހެދުމަށް ދަތިތަކެއް ތަހައްމަލުކުރަން ޖެހޭއިރު ސިޔާސީ ބާރުވެރިކަމުގެ މިލްކުވެރިކަމުން މަހުރޫމުވެފައެވެ.

އިންތިހާބީ ދާއިރާތައް ބަދަލު ކުރުމާއި ގުޅޭގޮތުން އައްޑޫއަށް އިތުރު ދެ ގޮޑި ލިބުމަށް އެދޭކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަރަދޫފޭދޫ ވަކިކޮށް އިތުރު ދެގޮޑި އައްޑޫއަށް ލިބޭތޯ ނުވަތަ ނޫންތޯ އެނގިގެންދާނީ މިކަމާއި އިލެކްޝަންގެ މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.