Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ވަކި ގޮޑިއެއް މަރަދޫފޭދޫއަށް ބޭނުން: ރޮޒޭ

އިންތިހާބީ ވަކި ދާއިރާއެއްގެ ގޮތުގައި މަރަދޫފޭދޫ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް، ރޮޒޭ ވިދާޅުވެއްޖެއެވެ.

ރޮޒޭ އަކީ މީދޫ އަދި މަރަދޫފޭދޫ އެެއްކޮށް ހަދާފައިވާ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރެވެ.

ރޮޒޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރަދޫފޭދޫގެ ނަން އިންނަ ގޮތަށް މަރަދޫފޭދޫއަށް ގޮޑިއެއް ހަމަޖައްސާ ދެވެން އޮތްނަމަ އެކަން ކޮށްދިނުމަށް އެދޭ ކަމަށެވެ.

މަރަދޫފޭދޫ ރައްޔިތުންގެ އިހްސާސު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ނުކުރެވޭތީ އެކަމަށް ގޮތެއް ހަމަޖައްސަވައި ދިނުމަށް އެދި މަރަދޫފޭދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އިލެކްޝަން ކަމިޝަނާއި މިއަދު ބައްދަލު ކުރައްވާފައެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މަރަދޫފޭދޫ ރައްޔިތުންގެ އަޑު އަހައި، އެކަމަށް ހައްލެެއް ހޯދައިދޭން ކަމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. ނަމަވެސް އެކަމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ޝަރީފު ވިދާޅުވިއެވެ.

އައްޑޫ އިންތިހާބީ ދާއިރާ ބަދަލުކޮށް އިތުރު ދެ ގޮޑި ލިބުމަށް އެދޭކަމަށް ހިތަދޫ ދެކުނު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.