ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކާނަލް ނާޒިމް އާއި އަހުމަދު ނާޒިމްގެ ހުކުމް ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ އެދެބޭފުޅުންގެ ފަރާތުން މައްސަލަ އަލުން ބަލައި ދިނުމަށް ހުށަހެޅުމުންނެވެ.
ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރިއިރު ދެ ނާޒިމްވެސް ތިއްބެވީ ރާއްޖޭން ބޭރުގައެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލާފައިވާ އިރު އަހުމަދު ނާޒިމް ޖަލަށްލީ މަކަރާއި ހީލަތުގެ ކުށް ސާބިތު ނުވާކަމަށް ހައިކޯޓުން ނިންމާފައިވަނިކޮށް އެމައްސަލަ ސްޕްރީމް ކޯޓުން ބަލައި ހުކުމްކޮށްގެންނެވެ. އަހުމަދު ނާޒިމް ގެންދެވީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ސުޕްރީމް ކޯޓުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމް ފަސް ކުރުމަށް އަމުރުކޮށްފައެވެ.