Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

އެއްވެސް ކޯޓު ޝަރީއަތަކަށް ރާއްޖެ ޓީވީ ނުވައްދަން ނިންމައިފި

ރާއްޖޭގެ އެއްވެސް ކޯޓެއްގައި ހިނގާ އެއްވެސް ޝަރީއަތެއް ކަވަރު ކުރުމަށް ރާއްޖެ ޓީވީ ނުވައްދަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސްޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ 2018 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމާތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަން ފާހަގަކުރެވިފައިވާތީ އާއި، ރާއްޖެ ޓީވީ ގެ މި ޢަމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި 16 ވަނަ ނަންބަރާ ޚިލާފު ޢަމަލެއްކަމަށް ވާތީ، މި މައްސަލަ ބަލައި ތަޙުޤީޤުކޮށް ނިމެންދެންއެވެ.

ސްޕްރީމް ކޯޓުން ވަނީ މި މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ޙަރަކާތެއް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައެވެ.