އުމުރުން 65 އަހަރު ވުމުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިނުލެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާޙް ބާތިލްކުރަން ހުށަހަޅުއްވަން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ނިންމަވައިފި އެވެ.
ފަލާހު މިކަން ހާމަކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/IbrahimFalahR/status/1059006170952753153
އެ ޓްވީޓްގައި ފަލާހު ވިދާޅުވެފައި ވަނީ އުމުރުން 65 ވުމުން ރައީސްކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަޖިލީހަށް މި ހަފްތާގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ.
ފަލާހު އާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެ އިސްލާޙް އުވާލުމަށް ހުށަހަޅުއްވަން ނިންމެވީ ކެރިކުޅަދާނަ ކޮންމެ މީހަކަށް އަދި ވެރިކަން ކުރުމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ކަމަށާއި، ދުނިޔޭގެ އެހެން ޤައުމްތަކުގައި ވެސް ރަީސް ކަމަށް ކުރިމަތިލުމަށް ވަކި އުމުރެއް ނެތުމުން، އެއީ ރާއްޖޭގައި ވެސް އޮންނަންޖެހޭ ފަދަ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާތީ ކަމަށެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް 2015 ވަނަ އަހަރު ޤާނޫނު އަސާސީ އަށް އިސްލާޙް ގެނައީ ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަންގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދާ އެކުއެވެ.