Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ރައީސް ނަޝީދު، އިންތިޚާބީ ރައީސް އިބޫ އާއި ބައްދަލުކުރައްވައިފި

އިބޫ އާއި ނަޝީދު ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު އިބޫގެ ކެމްޕެއިން ހެޑް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން ވަނީ އެކުގައި ފަރިއްކުޅުވައިފައެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

މިއީ މިމަހުގެ އެއް ވަނަ ދުވަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވިފަހުން، އިބޫ އާއި ރައީސް ނަޝީދު ރަސްމީކޮށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ނަޝީދު މިއަދު އިބޫ އާއި ބައްދަލުކުރެއްވިއިރު، އިބޫ އަކީ ރައީސް ނަޝީދުގެ އެންމެ ޒަމާންވީ އެންމެ ގާތް ރަހުމަތްތެރިޔާކަން ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު މާލެ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އެންމެ އަރިހުގައި ހުންނެވީ ވެސް އިބޫ އެވެ.

މާލެ ވަޑައިގެންނެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ އިބޫ އަށް ތަޢުރީފް ކުރައްވައި، ވިންދު ހުރިހާ ދުވަހަކު އިބޫގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.