Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ކާނަލް ނާޒިމް، ނުޙައްޤު ޖަލު ބަންދުން ސަލާމަތްވެވަޑައިގަތުމަކީ ލިބުނު އުފަލެއް: އަމީތު

މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އަމީތު، ފޮޓޯ: އަވަސް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކުރުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ނާޒިމް އަށް މަރުޙަބާ ދަންނަވައިފި އެވެ.

ކާނަލް ނާޒިމް އަށް އަމީތު ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ މިއަދު ކުރެއްވި ޓްވީޓެއްގައި އަމީތު ވިދާޅުވެފައި ވަނީ ޙައްޤުގެ މަގަށް ނަޞްރު ލިބި، ނުޙައްޤު ޖަލު ބަންދުން ސަލާމަތްވެވަޑައިގަތުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކާނަލް ނާޒިމްގެ ޖަލު ޙުކުމް ތަންފީޒްކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ޙުކުމްކުރިއިރު، އޭނާގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެފައިވަނީ އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލެއް ފެނުނު މައްސަލާގައެވެ. އެކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ނާޒިމް އަށް ވަނީ އިއްވާފައެވެ.

ނާޒިމް މިވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް މެލޭޝިއާގައެވެ. ނާޒިމް އަކީ 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި މިނިވަން ކުރުމަށް ހުކުމް ކުރި އެއް ފަރާތެވެ.