Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

"ކާނަލް ނާޒިމް މިނިވަންވި ޚަބަރު ލިބުމުން އުފަލުން ރޮވިއްޖެ"

ޢަބްދުﷲ ރިޔާޒް. ފޮޓޯ: މަޖިލިސް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް މިނިވަންވެވަޑައިގަތުމުން ލިބުނީ ވަރަށް ބޮޑު އުފަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

"އަޅުގަނޑުގެ އަޚް ކާނަލް ނާޒިމް މިނިވަންވި ޚަބަރު ލިބުމުން އުފަލުން ރޮވިއްޖެ"، އެ ޓްވީޓްގައި ރިޔާޒް ވިދާޅުވެފައި ވެއެވެ. ރިޔާޒް ވިދާޅުވީ ތިން އަހަރަށްވުރެ ގިނަ ދުވަހު ނާޒިމް ޖަލަށްލާފައި ހުރީ އެއްވެސް ކުށެއްކޮށްގެން ނޫން ކަމަށާއި، އެއީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުން ކަމަށެވެ.

އަދި މިހާރު މިފެންނަނީ އެންމެން ޖަލަށް ލައިގެން ވެރިކަމުގެ ބާރުތައް ނުހިފެހެއްޓޭނެކަން ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

"މިއަދު ރައީސް ޔާމީން އެވަނީ ސިޔާސީ ގޮތުން މަރުވެފައި"، ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް މިހެން ވިދާޅުވިއިރު، ކާނަލް ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒްކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ. އޭނާގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެފައިވަނީ އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލެއް ފެނުނު މައްސަލާގައެވެ.

ނާޒިމް މިވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް މެލޭޝިއާގައެވެ. ނާޒިމް އަކީ 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި މިނިވަން ކުރުމަށް ހުކުމް ކުރި އެއް ފަރާތެވެ.