ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރުމާއި ގުޅިގެން ރާއްޖެ ޓީވީ ހުއްޓުވުމަށް ސިފައިންނަށް ބްރޯޑުކާސްޓިން ކަމިޝަނުން ފޮނުވި ސިޓީއެއް ލީކުވެއްޖެއެވެ.
ބްރޯޑްކާސްޓިން ކަމިޝަންގެ ނައިބް ރައިސް އަހުމަދު ސޮފްވާން ސޮއިކޮށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދިފާޢީ ޚިދުމަތްތަކުގެ އަގު ވެއްޓޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާތީ ޑިފެންސް މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ތެރެއިން ރާއްޖެ ޓީވީގެ ކޮންޓެންޓް ހުއްޓުވައި ދިނުމަށެވެ.

ފެބްރުއަރީ 7 ވަނަ ދުވަހުގެ ތާރީހުގައި ފޮނުއްވި މި ސިޓީ ޑިފެންސް މިނިސްޓްރީއަށް ފޮނުވާފައިވަނީ ސަރުކާރުގެ ލިޔެލިއުން ބަދަލުކުރާ އީ- ލެޓަރ މެނެޖްމަންޓު ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް ރާއްޖެޓީވީ ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު އޭރު އޮތީ ވަރަށް ގަދަވެފައެވެ. އަދި ރާއްޖެޓީވީއަށް ލިބެމުން ދިޔަ އިންޒާރު ތަކާއި ގުޅިގެން ވަގުތީ ގޮތުން ފެބްރުއަރީ 8 ވަނަ ދުވަހު އެޓީވީގެ ޓްރާންސްމިޝަން މެދު ކަނޑާލުމަށްފަހު އަލުން ބްރޯޑުކާސްޓު ކުރަން ފަށާފައިވަނީ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. ބްރޯޑުކާސްޓުކުރުން ވަގުތީ ގޮތުން ހުއްޓުމުން އެކަން ކޮށްފައިވަނީ ބްރޯޑްކޮމް ގާނޫނާއި ހިލާފަށްކަމަށް ބުނެ ރާއްޖެޓީވީ ޖުރިމަނާ ކުރިއެވެ.
ރާއްޖެޓީވީއަށް ޔާމީންގެ ސަރުކާރުން އެކި ފަހަރުމަތިން ބޮޑު އަދަދުން ޖުރިމަނާކުރިއެވެ. ނަމަވެސް އަބުރު ފަންޑު ހުޅުވައި އެފައިސާ ހޯދައި ބްރޯޑުކޮމްއަށް ފައިސާ ދައްކައެވެ.