Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

އައްޑޫ އާއި އިތުރު ބައެއް ރަށްތަކުގެ ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފި

އައްޑޫ އާއި އިތުރު ބައެއް ރަށްތަކުގައި އަޅާފައިވާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އާއްމުކޮށްފިއެވެ.

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއު 7000 ފްލެޓަށް ކުރިމަތި ލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާއި އެކު އަތޮޅު ތެރޭގައި ހުރި ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ، ފުވައްމުލައް، ގދ. ތިނަދޫ، ގދ. ގައްދޫ، ގއ. ވިލިނގިލީގެ އިތުރުން ހއ. ދިއްދޫގެ ފްލެޓު ޝަރުޠު ހަމަވާ މީހުންގެ ނަންތައް ވަނީ ޕޮއިންޓާއި އެކު އާއްމުކޮށްފައެެވެ.

ސ. ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓްތަކުގެ ތެރެއިން ހިތަދޫ ރައްޔިތުންނަށް ހާއްސަ ކުރެވުނު 150 ފްލެޓަށް އެދި 446 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު ކެޓަގަރީ ބީގެ ދަށުން މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 30 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 54 ފަރާތާއި، ކެޓަގަރީ ސީގެ ދަށުން ފޭދޫން ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 50 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 77 ފަރާތުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓު ވަނީ އިއުލާންކޮށްފައެވެ.

ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓުތަކުގެ ތެރެއިން އެރަށު ރައްޔިތުންނަށް ހާއްސަ ކުރެވުނު 80 ފްލެޓަށް 580 ފަރާތަކުން ޝަރުޠު ފުރިހަމަވެފައިވާ އިރު ބާކީ 25 ފްލެޓަކީ އެރަށައް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ފްލެޓުތަކެވެ. މި ފްލެޓުތަކަށް 238 ފަރާތެއް ޝަރުޠު ފުރިހަމަވެއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި އަޅާފައިވާ 150 ފްލެޓުގެ ތެރެއިން ކެޓަގަރީ އޭގެ ދަށުން ފުވައްމުލަކު ރައްޔިތުންނަށް ހާއްސަކުރެވުނު 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތެއް ޝަރުޠު ފުރިހަމަވާއިރު ކެޓަގަރީ ބީގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 20 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 20 ފަރާތުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓު ވެސް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ 7000 ފްލެޓަށް 22000 ފަރާތަކުން ފޯމު ހުށަހެޅިއިރު އޭގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ލިސްވެސް ވަނީ އާއްމުކޮށްފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރައްވަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.