ޝެއިހް އިމްރާން އަބްދުﷲގެ ދެކަނބަލުން އަނިޔާވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
ޝެއިހް އިމްރާންގެ ދެކަނބަލުންނާއި ބައްދަލުކުރެއްވުމަށްފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ފަހަތަށް ޖެހިވަޑައިނުގެން އިމްރާން ކުރެއްވި މަސައްކަތްޕުޅުން ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށެވެ.
Faaithuvee aharuthakugai aniyaaverikamaa dhekolhah enme fiyavalhevves fahathah jehivadai nugen Sheikh Imran kurehvi masakkathun alhugandah bodu hiyvareh libunu. Adhi anbikanbalun ge minneiy masakkathaai hiyvarah saabas dhannavan. pic.twitter.com/ccYnwxPKWN
— Mohamed Nasheed (@MohamedNasheed) November 4, 2018
"ފާއިތުވި އަހަރުތަކުގައި އަނިޔާވެރިކަމާ ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން ޝެއިހް އިމްރާން ކުރެއްވި މަސައްކަތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށާއި އިމްރާންގެ އަނބިކަނބަލުންގެ މިންނެތް މަސައްކަތާއި ހިތްވަރަށް ސާބަސް ދަންނަވަން"
ނަޝީދު ޓްވީޓުގައި ވިދާޅުވިއެވެ.
ނަޝީދު އިމްރާން އާއި ބައްދަލު ކުރައްވައި ތައުރީފު ކުރެއްވި އިރު ދެ ބޭފުޅުންނަކީ މިހާރު އޮތް އިދިކޮޅު ކޯލިޝަންގެ އިސް ދެ ލީޑަރުންނެވެ. ނަޝީދު އާއި އިމްރާން މިވަގުތު މިނިވަންވެފައި ތިއްބެވީ ސުޕްރީމް ކޯޓުން ދެ ބޭފުޅުންގެ ހުކުމް ފަސް ކުރެއްވުމަށް އަމުރު ކުރެއްވުމާއި ގުޅިގެންނެވެ.
އިމްރާން ދޫކޮށްލާފައިވަނީ ނޮވެމްބަރ 1 ވަނަ ދުވަހުއެވެ. އެދުވަހަކީ ރައީސް ނަޝީދު މިނިވަންވެ ރާއްޖެ ވަޑައިގެންނެވި ދުވަހެވެ. އިމްރާން ވަނީ މިނިވަން ވުމާއި އެކު ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް ކުރިއަށް ގެންދިޔަ ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.