Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ގާސިމް ނަޝީދަށް ޒިޔާރަތްކުރައްވައިފި

ތިން އަހަރު ދުވަހު ގައުމުން ބޭރުގައި ހުންނެވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އެނބުރި ރާއްޖެ ވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ނަޝީދު ވަނީ މިހާތަނަށް އިންތިޚާބީ ރައީސް އަދި އެމަނިކުފާނުގެ ދުވަސްވީ އެކުވެރިޔާ އިބޫ ސޯލިހް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާ ބައްދަލު ކުރައްވާފައެވެ.

ގާސިމް އިބްރާހިމާއި ރައީސް ނަޝީދު ބައްދަލުކޮށްފައިވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގޭގައެވެ. ނަޝީދު ލީޑަރުންނާއި ބައްދަލުކުރެއްވި ނަމަވެސް އެމްޑީޕީން މިހާތަނަށް ބައްދަލުވުންތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅިފައިވާ ހަތަރު ޕާޓީން އެކުގައި އިންތިޚާބަށް ނިކުމެ، އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު ހަތަރު ލީޑަރުން ވެސް ވަނީ ކޯލިޝަން ދެމެހެއްޓުމުގެ މުހިންމުކަމުގެ ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ވަނީ މާދަމާ އައްޑޫ ސިޓީއަށް ދަތުރުފުޅެއް ފެއްޓެވުމަށް ރާވާފައެވެ. ނަޝީދު އައްޑުއަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުގެ ވަގުތެއްގައެވެ.