Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ލިސްޓާއި އެެއްގޮތަށް ފްލެޓު ނުދޭނަކަމަ ކޯޓަށް ދެވޭނެ: މުއިއްޒު

ރައީސް ޔާމީން ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވާ އިރު އެލިސްޓާއި އެއްގޮތަށް ފްލެޓު ނުދޭނަމަ ކޯޓަށް ދެވޭނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސުގައި މުއިއްޒު ވިދާޅުވީ ފްލެޓު ލިބޭ މީހުންގެ ނަން ސަރުކާރު ގެޒެޓުގައި އާއްމު ކުރައްވާފައިވާ ކަމަށާއި އެއީ އެންމެ ސައްހަކަން ބޮޑު ލިއުން ކަމަށެވެ.

"މިއީ ރަސްމީ އިއުލާނެއް، ރަސްމީކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޖެހިގެން މިދިޔައީ، އެހެންވެ މިއަށްވުރެ ބޮޑަށް ރަސްމީ ވާނެ ގޮތެއް ނޯންނާނެ، އަޅުގަނޑުމެން އެ ބޭފުޅުންގެ އަތަށް ލިޔުމެއް ދިނުމަކީ ހަމަ އިތުރު ކަމެއް، އަނެއްހެން ބަލާއިރު [ގެޒެޓުގައި] މިއޮތީ ރަސްމީ ލިޔުމެއް، މި ގެޒެޓު ހިފައިގެން ވެސް ޝަރީއަތަށް ދާން ބޭނުން މީހަކު ދާންވީ، މިސާލަކަށް އޭނައަށް އެ އަރާފައި އޮތް ނަން އަރާފައި އޮއްވާ ދެން އަންނަ ސަރުކާރަކުން އޭނައަށް ފްލެޓު ނުދީފިއްޔާ ނޫނީ އެ ލިސްޓު އުވާލައިފިއްޔަ އޭނައަށް ދެވޭނެ ކޯޓަށް،"

މުއިއްޒު ވިދާޅުވީ މިހާރު އާއްމުކުރި ލިސްޓާއި އެއްގޮތަށް އާ ސަރުކާރުން ފްލެޓު ދޫކުރައްވަން ވާނެކަމަށެވެ. އަދި މިއީ ބުރަ މަސައްކަތެއް ކަމަށާއި ޕޮއިންޓުދީފައިވަނީ ހައްގު އުސޫލުން ކަމަށެވެ.

ދިގު ކިއޫ ހަދައި "ހިޔާ" ފްލެޓުތަކަށް 22،000 އެއްހާ މީހުން ފޯމު ލާފައިވާ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ފްލެޓު ކަށަވަރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ބުނެފައިވަނީ ހިޔާ މަޝްރޫއަކީ 44،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގި މަޝްރޫއެއް ކަމަށެވެ.

ހައުސިން މިނިސްޓްރީން ރޭ ވަނީ އަތޮޅު ތެރޭގައި އިމާރާތްކޮށްފައިވާ ފްލެޓު ޝަރުތު ހަމަވާ މީހުންގެ ލިސްޓުވެސް އާއްމުކޮށްފައެވެ.