Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

12 މެމްބަރުން މަސީހުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑި ގެއްލުނުކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުން ޖިނާއީ މައްސަލަ ތަކެއް ފުލުހަށް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅުމަށް ފަހު ފުލުހުންގެ އިދާރާ ބޭރުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި މެމްބަރުން ވިދާޅުވީ މަސީހު ހިންގާފައިވާ ކަންކަމާއި ތުހުމަތު ކުރެވޭ ކަންކަން ޖިނާއީ މައްސަލަތައް ބަލައި ތަހުގީގް ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މެމްބަރުން ވިދާޅުވީ މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން މަސީހު ހިންގަވާފައިވާ އަމަލުތަކަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހިންގާފައި ނުވާ ވަރުގެ ބޮޑެތި ޖަރީމާތަކެއް ކަމަށެވެ. މެމްބަރުންނާއި ދެކޮޅަށް ނުހައްގު އަދަބު ދީ އެތައް ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅިގެން މަޖްލިސްގެ 12 މެމްބަރުން ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން ކަނޑައެޅިއެވެ. އޭގެ ފަހުން އެމައްސަލައަށް އެއްވެސް ހައްލެއް ނުލިބި އަހަރަކާއި ހަތަރު މަހެއް ހާ ދުވަހު ފަހުން ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ވަރަށް ސާފުކޮށް ކަނޑައަޅާފަ އެވެ.

ސުޕްރީމް ކޯޓުން 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ނިންމުމާއި އެކު މެމްބަރުން ވަނީ އިތުރު ސޮޔާއި އެކު މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައެވެ. އެއާއި އެކު މަސީހު ވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.