ޕީޕީއެމުން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޕްރައިމަރީ އަކާ ނުލާ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
ނަޝީދު މިއަދު މެމްބަރުންނާ އެކު ބޭއްވި ބައްދަލުުވުމަކަށް ފަހު ބައެއް މެމްބަރުންނާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަޝީދު ވަނީ ޕްރައިމަރީއަކާ ނުލާ 12 މެމްބަރުންނަށް ވެސް މަޖިލީސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މެމްބަރުންނަށް ޕްރައިމަރީއާ ނުލާ ވާދަކުރުމުގެ ފުރުސަތު ނަޝީދު ދެއްވީ ކޯލިޝަނުގައި ދެން ހިމެނޭ ޖުމުހޫރީ ޕާޓީއާއި މައުމޫން ރިފޯމް މޫވްމަންޓުގެ ލީޑަރުން، ގާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މައުމޫންގެ އެއްބާރުލެއްވުމާ އެކުގައެވެ.
މެމްބަރުން ވިދާޅުވީ މިޔަގީން ކަން ލިބުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށެވެ. މެމްބަރުންނަށް މަޖިލިސް އިންތިޚާބުގައި ކޮންމެ ޕާޓީއަކުން ވާދަކުރަން ބޭނުންވިޔަސް އެފުރުސަތު ލިބިގެންވާ ކަމަށް މެމްބަރުން ބުނެފައިވެއެވެ.