Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވުމުގެ ފުރުޞަތު ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލްގެ އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަވަށު މަޝްވަރާ ކޮމެޓީތައް އުފެއްދުމުގެ މަޤްޞަދަކީ ކައުންސިލުން ސިޔާސަތު އެކުލަވާލުމުގައި ވީހާވެސް ގާތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދޭނޭ ނިޒާމެއް ޤާއިމްކުރުމާއި، ވަކިވަކި ދާއިރާތަކަށް ބޭނުންޖެހިފައިވާ ކަންތައްތައް ދެނެގަތުމާއި، ކައުންސިލުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް މަގު ފަހިކުރުމާއި، އަދި އަވަށު ފެންވަރުގައި ބަސްކިޔޭނޭ ނިޒާމެއް ޤާއިމްކުރުން ކަމަށެވެ.

ރައްޔިތުންގެ ބައިވެރިވުމާއިއެކު ކޮމެޓީތައް ހިންގުމަށްޓަކައި މެމްބަރުން ނަގަނީ 5 ދާއިރާއަކުން ކަމަށް ކައުންސިލުން ބުނެއެވެ. އެއީ، އިޤްތިސާދީ ދާއިރާ، ޞިއްޙަތާއި މުޖުތަމައުގެ ދާއިރާ، ތަޢުލީމާއި މުއާސަލާތުގެ ދާއިރާ، ތިމާވެށްޓާއި ޔުޓިލިޓީސް ގެ ދާއިރާ، އުމުރާނީ އާއި ތަރައްޤީގެ ދާއިރާ އެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، އަދި މީދޫ މިއިން ކޮންމެ އަވަށެއްގައި އަވަށު މަޝްވަރާ ކޮމެޓީއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށާއި، ކޮމެޓީތަކުގައި ތިއްބަވާނީ މަދުވެގެން 7 މެމްބަރުން އަދި ގިނަވެގެން 15 މެމްބަރުން ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލްގެ އަވަށު މަޝްވަރާ ކޮމެޓީތައް އުފައްދަވާފައިވަނީ ކައުންސިލްގެ 2018 ވަނަ އަހަރުގެ 35 ވަނަ ޖަލްސާގައެވެ.