އައްޑޫ ސިޓީ ހިތަދޫ ސްކޫލްގެ 2017 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އަކްމަލް މުޙައްމަދު ހޮވިއްޖެ އެވެ.
މި ދަރިވަރާއި އިނާމް ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު ހިތަދޫ ސްކޫލުން ތަޢުލީމީ ގޮތުންނާއި އެހެނިހެން ރޮނގުން ފާހަގަކޮށްލެވޭ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމްދިނުމަށް ރޭ އެ ސުކޫލްގައި ބޭއްވި އަހަރީ އިނާމްދިނުމުގެ ޖަލްސާގައެވެ.
އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދް އަންވަރު އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަންވަރު ވިދާޅުވީ އަހަރަކުން އަހަރަށް ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭނެކަމަށާއި، އެގޮތުން މާއްދާތަކަކުން ފާސްވާ އިންސައްތަ އިތުރުކުރުމަށް ޓީޗަރުންނާއި ދަރިވަރުން ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ހިތަދޫ ސްކޫލްގެ ސާނަވީ ތައުލީމުން ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރަކަށް ހޮވިފައި ވަނީ އާމިނަތު އަކްމަލް އަޙްމަދު އާއި އައިޝަތު ޒަހުވާ ޝަރްމީލު އަދި އާމިނަތު އަޒްކާ އިޤްބާލެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ވަނީ ދަރިވަރުންނަށް ލިބިފައިވާ ޢިލްމާއި ބުއްދީގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބެލެނިވެރިން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ހަރުދަނާ ބައެއްގޮތުގައި ހެދުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ތިބުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.