Last Updated: June 22, 06:19
Sunday, June 22, 2025
ޚަބަރު

12 މެމްބަރުންނަށް ޓިކެޓް ދޭން ކޯލިޝަނުން ވަނީ އެއްބަސްވެފައި: މައުމޫން

ޕީޕީއެމް އިން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޕްރައިމަރީ އަކާ ނުލާ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް ގުޅިފައިވާ އިއްތިހާދުން ކުރިން ވެސް ވަނީ އެއްބަސްވެފައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައި ވަނީ 2019 ގެ މަޖިލީހުގެ އިންތިޚާބުގައި އެ 12 މެމްބަރުންނަށް ޕްރައިމެރީއަކާ ނުލައި އެ މެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ ޓިކެޓް ދިނުމަށް ކޯލިޝަންގެ ހުރިހާ ބައިވެރިން މީގެ ކުރިން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީއަކާ ނުލާ 12 މެމްބަރުންނަށް ވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ޔަޤީންކަން މިއަދު ދެއްވާފައެވެ.

މެމްބަރުންނަށް ޕްރައިމަރީއާ ނުލާ ވާދަކުރުމުގެ ފުރުސަތު ނަޝީދު ދެއްވީ ކޯލިޝަނުގައި ދެން ހިމެނޭ ޖުމުހޫރީ ޕާޓީއާއި މައުމޫން ރިފޯމް މޫވްމަންޓުގެ ލީޑަރުން، ގާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މައުމޫންގެ އެއްބާރުލެއްވުމާ އެކުގައެވެ.

މެމްބަރުން ވިދާޅުވީ މިޔަގީން ކަން ލިބުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށެވެ. މެމްބަރުންނަށް މަޖިލިސް އިންތިޚާބުގައި ކޮންމެ ޕާޓީއަކުން ވާދަކުރަން ބޭނުންވިޔަސް އެފުރުސަތު ލިބިގެންވާ ކަމަށް މެމްބަރުން ބުނެފައިވެއެވެ.