ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި އައްޑޫގެ ޒުވާން ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން، މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މައްސަލަ އަލުން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ މިއަދު ކުރި ޓްވީޓެއްގަ އެވެ.
Dr. Afrasheem Ali aai Yamin Rasheed ge maruge massala aai Ahmed Rilwan gehlunu massala review koh, fuluhunah ithurah kureven huri kankan kuramundhaa vaahaka dhannavan.
— Maldives Police (@PoliceMv) November 5, 2018
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ އެ ޓްވީޓްގައި ބުނެފައި ވަނީ ޑރ. އަފްރާޝިމް އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އަހްމަދު ރިލްވާން ގެއްލުނު މައްސަލަ ރިވިއުކޮށް، ފުލުހުންނަށް އިތުރަށް ކުރެވެން ހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
ޒުވާން ބްލޮގަރ ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ޔާމީން މަރާލި މައްސަލާގައި ދައުވާ ކުރަނީ އިސްމާއީލު ހައިޝަމް ރަޝީދާއި، މ. އަންނާރުމާގެ، އަހުމަދު ޒިހާން އިސްމާއީލް، މ. އިރަސްމިކުގެ، މުހައްމަދު ދިފްރާން ގދ.ގައްދޫ/ސިންދުބާދުގޭ ، ހަސަން ޝިފާޒު، މ.ކުދެހިގެ، އިސްމާއީލު ރަޝީދް، މ.ތާއިފު، ހުސައިން ޒިޔާދު، އީސްޓު، މ. ކޮޅުފުށީ މައްޗަށެވެ.
ޑރ. އަފްރާޝީމް އަލީ މަރާލާފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ. އެ މައްސަލާގައި ދައުލަތުން ވަނީ ހުސެން ހުމާމްގެ މައްޗަށް ދައުވާ އުފުލާފައެވެ. ގަސްދުގައި މީހަކު މެރުމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، މަރަށް މަރު ހިފުމަށް ވެސް ހުމާމްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނުތާ މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، ރިލްވާންއަށް ވީ ގޮތެެއް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.
މިއިން އެއްވެސް މައްސަލައެއްގެ ތަހުޤީޤެއް މިހާތަނަށް އެކަށީގެންވާ މިންވަރަކަށް ކޮށްފައިނުވާކަން ފާހަގަކޮށްލެވެ އެވެ.
މި ތިން މައްސަލަ ވެސް އަލުން ބެލުމަށް ފުލުހުން ނިންމާފައިވާއިރު، މި މައްސަލަތައް ޙައްލުކުރުމަށް ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދިނުމަށް ހުންނެވީ ތައްޔާރަށް ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.