ދެއަހަރަށް ވުރެ ގިނަ ދުވަހު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވުމަށް ފަހު މިމަހުގެ އެއްވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އައްޑޫ ދަތުރުފުޅު މިއަދު މެންދުރު ފައްޓަވާނެއެވެ.
މެންދުރު 13:30 ގައި ނަޝީދުގެ ޓީމާއެކު މާލެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާއިރު 14:55 ގައި އައްޑުއަށް ވަޑައިގަނެވޭނެ ކަމަށް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ.
އެމްޑީޕީން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ދާން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ފަހި ކޮށްދީފައިވާ ކަމަށެވެ. އެގޮތުން މެންދުރު 13:30 ގައި ހިތަދޫ އުތުރު ދާއިރާއިން ފެށިގެން ހިލޭ ބަސް ދަތުރު އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީ އައްޑޫ ދާއިރާ އިން ވަނީ ރައީސް ނަޝީދު ވަޑައިގަންނަވާތީ އެކަން ކުލަގަދަ ކޮށް ފާހަގަކުރުމަށް މަސައްކަތް ކުރަމުންނެވެ. އައްޑޫއިން އަބަދުވެސް ނަޝީދަށް ބޮޑު ތަރުހީބެއް އޮންނަ ކަން ފާހަގަކޮށްލެވެއެވެ.