Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީން ޓިކެޓު ދޭނީ ޕްރައިމަރީއާއެކު: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ހިންގުމުގައި އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމު ކަމަށާއި އެމްޑީޕީން (މަޖިލިސް އިންތިޚާބުގެ) ޓިކެޓު ދޭން ފެންނަނީ ޕްރައިމަރީއަކަށް ފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ އިއްޔެ، ގޮނޑި ގެއްލުނު 12 މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު އެ މެމްބަރުންނަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕްރައިމަރީ އަކާ ނުލާ ޓިކެޓު ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުން، އެކަމާ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ވަރަށް ބޮޑު ދެބަސްވުންތަކެއް އުފެދުމާއި ގުޅިގެންނެވެ.

މިއަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ގޮނޑީގެ ޓިކެޓު ދިނުމަށް ޕްރައިމަރީއެއް ބާއްވަނީ ދުނިޔޭގެ ވަރަށް މަދު ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. އަދި އެއީ ފައިދާއާއި ގެއްލުން ހުރި ކަމެއް ކަމަށާއި އެކަން އެމްޑީޕީ އިން ވެސް ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް އެމްޑީޕީ ޓިކެޓު ދޭން ފެންނަނީ ޕްރައިމަރީއަށް ފަހު ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ 12 މެމްބަރުންނަށް އަންނަ އިންތިޚާބުގައި ކޯލިޝަނުގެ ކޮންމެ ޕާޓީއަކުން ވެސް ޕްރައިމަރީއާ ނުލާ ގޮނޑި ކަށަވަރުވެފައިވާ ކަން އެންގީ ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓަކުންނެވެ. އެމަނިކުފާނު ވިދާޅުވީ އެނިންމުން ނިންމާފައިވަނީ ކޯލިޝަނުގެ ހަތަރު ލީޑަރުން ވެސް އެއްބަސް ވެގެން ކަމަށެވެ.