Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޕްރައިމަރީއަކަށް ބިރެއް ނުގަނޭ، ނިކުންނާނީ އެމްޑީޕީއިން: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ.

ޕްރައިމަރީ އެއްގައި ވާދަކުރައްވަން ބިރުން ނޫޅުއްވާ ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ މަޖިލިސް އިންތިޚާބު ގައި ވާދަކުރި ފަރާތަކީ އޭނާ ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓަކާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެންނެވެ. 12 މެމްބަރުންނަށް ޕްރައިމަރީއާ ނުލާ ޓިކެޓު ރައީސް ނަޝީދު ކަށަވަރުކޮށްދެއްވައިފި ކަމަށާއި 12 މެމްބަރުންނަށް ދާއިރާ ލިބެން ޖެހޭ ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓުވީޓަށް ވަނީ ފާޑުކިޔުންތައް ރައްދުވެފައެވެ.

ޖަވާބުގައި މުސްތަފާ ފަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނަކީ ޕްރައިމަރީއަކަށް ބިރުން އުޅޭ މީހެން ނޫން ކަމަށެވެ. އަދި މަޖިލިސް ޕްރައިމަރީ ގައި ވާދަވެސް ކުރައްވާނެ ކަމަށާއި ކުރައްވާނީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައިވެސް މުސްތަފާ ވާދަކުރެއްވީ އެމްޑީޕީ ޓިކެޓުގައެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު މަޖިލިސް ނުހުޅެވެނީސް މުސްތަފާ ވަނީ އެމްޑީޕީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ރައީސް ޔާމީންގެ ފަޅި ދޫކޮށްލެއްވި އެންމެ ފުރަތަމަ މަޖިލިސް މެމްބަރަކީ ވެސް މުސްތަފާއެވެ. އޭނާ ވަނީ ފަހުން، ރައީސް މައުމޫންގެ ފަޅިއަށް ބަދަލުވެފައެވެ.