Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

މަރަދޫން މީހުން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް: ޖަމީލް

މި މަހުގެ 15 ދުވަހު ހަވީރު މަރަދޫ ޕީޕީއެމް ޖަގަހަ ސަރަހައްދުން ހައްޔަރު ކުރި މީހުން ހައްޔަރު ކުރުމުގައި ފުލުހުން ގަނޫނާއި ހިލާފްވެފައިވާ ކަމަށް ދާދި ފަހުން ހޯމް މިނިސްޓަރު ކަމުން ވަކިކުރި ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކެމްޕެއިން ހަރަކާތެއްގައި މިއަދު ހަވީރު އައްޑޫއަށް ވަޑައިގެން ހާދިސާ ހިގި ސަރަހައްދުގައި ހައްޔަރު ކުރި މީހުންގެ އާއިލާތަކާއި މަންޒަރުދުށް ފަރާތަކާއި ބައްދަލުކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ މިކަމުގައި ރަށުގެ އާއްމު ރައްޔިތުން އެކައްޗެއް ކިޔަމުން އަންނައިރު އެދުވަހު ފުލުހުންގެ އަމަލު ހުރީ ގަނޫނާއި ހިލާފަށް ކަން އެގޭކަމަށެވެ.

އަދި އެއްވެސް މީހަކު ހައްޔަރުކުރުމުގައި ބާރުގެ ބޭނުން ނުކުރެވޭނެކަމަށާއި ގޭގެއަށް ކޯޓު އަމުރާއި ނުލައި ފުލުހުންނަށް ނުވަދެވޭނެކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މައްސަލަ ޕޮލިސް އިންޓަގްރިޓީ ކަމިޝަނަށް ހުށަހެޅުމަށް ޖަމީލް ހިޔާލް ދެއްވިއެވެ.

މި ބައްދަލުވުމުގައި ހައްޔަރު ކުރި މީހުންގެ އާއިލާތަކުން އެދުވަހުގެ ހާދިސާ ވަރަށް އަސަރާއި އެކު ޑރ. ޖަމީލް އާއި ހިއްސާކުރިއެވެ.

ޖަމީލް ވިދާޅުވީ ބަންދުގައި ތިބި މީހުންގެ 10 ދުވަހުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދާއިރު ޕީޕީއެމް އިން ވަކީލަކު ހަމަޖައްސާނެކަމަަށެވެ. އެމްޑީޕީން ވަނީ މިމައްސަލާއި ގުޅިގެން މިއަދު ވަކީލަކު އައްޑޫއަށް ފޮނުވާފައެވެ.

މަރަދޫން ހައްޔަރު ކުރި މީހުން އިއްޔެ ކޯޓުގައި ބުނެފައިވަނީ އެމީހުންނަށް ފުލުހުން ބޮޑެތި އަނިޔާ ކޮށްފައިވާކަމަށެވެ. އަދި އެފަދަ ނިޝާންތައް އެމީހުންގެ ހަށިގަނޑުން ފެނިފައިވެއެވެ.

ފުލުހުން ހިންގަމުންދާ އަނިޔާވެރިކަމާއި ދެކޮޅަށް އަޑޫ އުފުލުމަށް މިއަދު އައްޑޫގައި ވަނީ ސުލްހަވެރި މުޒާހަރާއެއް ބާއްވާފައެވެ. މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެ ފުލުހުން ހިންގަމުންދާ ޖަރީމާ ކުށްވެރިކޮށް އަޑު އުފުލާފައިވެއެވެ.