އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ކޯލިޝަންގެ ލީޑަރުންނާއި އިސް ބޭފުޅުންނާއެކު ދަރުބާރުގޭގައި "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބޭއްވިއިރު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.
ބައްދަލުވުމުގައި ރައީސް އިބޫ ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ޖަޒީރާ ރާއްޖެ ގެނެސްދެވޭނީ މާލެ ސިޓީ، ދިރިއުޅެން ފަސޭހަ ތަނަކަށް ވާން ޖެހޭ ކަމަށެވެ. އަދި މިރާއްޖެ ލާމަރުކަޒީ ހަރުދަނާ ނިޒާމަކުން ގުޅާލަން ޖެހޭ ކަމަށް ވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
އިބޫގެ ވާހަކަފުޅަށް ފަހު ބައްދަލުވުމުގައި ވާހަކަ ދައްކަން ނަން ނޯޓު ކުރެއްވި ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެރުވުނެވެ. ރޭ ނަންނޯޓު ކުރި ގިނަ ބަޔަކަށް ފުރުސަތު ނުލިބުނު ނަމަވެސް ވާހަކަ ދެއްކި ބައިވެރިން ވަނީ މުހިންމު ނުކުތާތަކަށް އަލި އަޅުވާލާފައެވެ.
އެގޮތުން މާލެއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. ހިނގާބިނގާ އުޅުމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން ޕާކު ކުރަންވެސް ތަހައްމަލް ކުރާ ދަތިތަކުގެ ވާހަކަ ރައީސަށް ދެންނެވިއެވެ.
ހައްލެއް ހޯދުމަށް ބަންދުކުރެވިފައިވާ އިސްލާމީ މަރުކަޒު ވަށައިގެން އޮތް ދެ މަގު އަލުން ހުޅުވައި، ބޭރުން ގެންނަ މުދަލުގެ ބޮޑުބައި ޖާގަ އޮތް ހުޅުމާލެއަށް ބާލުވާ ނިޒާމެއް ގާއިމުކުރުމަށް ޚިޔާލު ހުށައެޅިގެން ދިޔައެވެ.
އިބޫ ވަނީ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމަށް އެމަނިކުފާނު އެދޭ ކަމަށް ވިދާޅުވެފައެވެ. އިބޫ ރާއްޖޭގެ ރައީސް ކަމަށް އިންތިޚާބު ވެފައިވަނީ 58.4 އިންސައްތަ ރައްޔިތުންގެ ވޯޓާއެކުގައެވެ.