ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވުމަށް ނިންމައިފި އެވެ.
އެމްޑީޕީ އިން ބުނާ ގޮތުގައި އެ އޮފީސް ވެގެންދާނީ ކުރީގެ ރައީސެއްގެ ޙައިސިއްޔަތުން ރައީސް ނަޝީދު އައްޑޫގައި މަސައްކަތްކުރައްވާ އޮފީހަށް ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި އޮފީސް ހުޅުއްވައިދެއްވާނީ ރައީސް ނަޝީދު މިއަދު އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅުގައެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގެވުމަށް ދައުލަތުން ކޮންމެ މަހަކު 87،000ރ. ދޭއިރު، ނަޝީދުގެ އޮފީހެއް މާލޭގައި ހިންގަވައެވެ.
ނަޝީދު އައްޑޫ އަށް މިއަދު ވަޑައިގަންނަވާއިރު، މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އަދި އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރައްވާނީ ފޭދޫގެ ރައްޔިތުންނާއި އެވެ.
މިއީ ދެއަހަރަށް ވުރެ ގިނަ ދުވަހު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވުމަށް ފަހު މިމަހުގެ އެއްވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، އަތޮޅުތެރޭގެ ރަށަކަށް ނަޝީދު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.