Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

ސޮފްވާން ވި ޤުރުބާނީ ބަލައިގަންނަން: މައުމޫން

މައުމޫން، ސޮފްވާން އާއެކު - ފޮޓޯ: ޓްވިޓާ (މައުމޫން)

ފުލުހުންގެ ތަހުޤީޤަށް ހޯދަމުން އައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް، އަހުމަދު ސޮފްވާން އާއި އެމަނިކުފާނު ބައްދަލުކުރައްވައިފި އެވެ.

ސޮފްވާން އާއި މިއަދު ބައްދަލުކުރެއްވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަނިޔާވެރި ވެރިކަމެއްގެ ސަބަބުން އާއިލާއާއި ދުރުގައި ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރަން މަޖުބޫރުވެފައިވާ، އެމަނިކުފާނުގެ ޓީމްގެ ވަފާތެރި މެމްބަރެއް ކަމަށްވާ ސޮފްވާން އާއި ބައްދަލުވުމުން ވަރަށް އުފާވެވަޑައިގަތް ކަމަށެވެ.

އަދި ސޮފްވާން ވި ޤުރުބާނީ ބަލައިގަންނަ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

ސޮފްވާން އަކީ މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ހޯދަމުން އައި އެކަކެވެ. އެހެންނަމަވެސް ސޮފްވާން ވަނީ ފުލުހުން ހައްޔަރުކުރުމުގެ ކުރިން ރާއްޖެ ދޫކޮށް ގޮސްފައެވެ.

ސޮފްވާން ހޯދުމުގެ މަސައްކަތަށް ފުލުހުން ވަނީ ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ، އިންޓަރޕޯލްގައި ވެސް އެދިފައެވެ. ނަމަވެސް ސޮފްވާން ހޯދުމަށް އިންޓަރޕޯލްއިން އިން ރެޑް ނޯޓިސް ނެރެދީފައެއް ނުވެއެވެ.

ތަހުޤީޤަށް ހާޒިރު ނުވުމުން އަދުލުއިންސާފު ޤާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް ސޮފްވާންގެ މައްޗަށް އުފުލާފައިވެއެވެ. އަދި ސޮފްވާންގެ ޕާސްޕޯޓް ވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކެންސަލްކޮށްފައި ވާއިރު، އޭނާ އަނބުރާ ރާއްޖެ އައުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް އިމިގްރޭޝަނުން ވަނީ މިދިޔަ މަހުގެ ތެރޭގައި ވަނީ ބުނެފައެވެ.