Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ކުރު ޢުމްރާ އަކަށް އިބޫ މާދަމާ މައްކާ އަށް

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރު ޢުމްރާ ދަތުރުފުޅެއްގައި މާދަމާ މައްކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އިބޫގެ ތަރުޖަމާނު، މާރިޔާ ދީދީ މިއަދު ވިދާޅުވީ އިބޫގެ އެ ދަތުރުފުޅުގައި ސައުދި އަރަބިއާގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އަނބުރާ މާލެ ވަޑައިގަންނަވާނީ 9 ނޮވެމްބަރ 2018 ވާ ހުކުރު ދުވަހު ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރެއްވުމަށްފަހު އަމިއްލަ ދަތުރުފުޅެއްގައި އިބޫ ބޭރަށް ވަޑައިގެންފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއެކު ރާއްޖެ ވަޑައިގަތުމަށް ވެސް އިބޫ ވަނީ ސްރީލަންކާ އަށް ވަޑައިގެންފަ އެވެ.

އިބޫ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު މި ހިނގާ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތަށް ސައުދީގެ އިސް ބޭފުޅުންނަށް ވަނީ ދައުވަތު އަރުވާފައެވެ.