"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުޅިވަރު ފެސްޓިވަލެއް ބޭއްވުމަށް އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އޮފީހުން ނިންމަވައިފި އެވެ.
އިބޫ ހުވާކުރެއްވުމާއި ގުޅިގެން އުފާފާޅުުރުމުގެ ގޮތުން ބާއްވާ މި ޙަރަކާތް އޮންނާނީ މި ހިނގާ ނޮވެމްބަރ މަހުގެ 18 އިން 19 އަށް މާލޭގައެވެ. އެގޮތުން 18 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި މެންދުރު 14:00 ން ފެށިގެން ހަވީރު 18:00 އަށް އަދި ރޭގަނޑު 20:00 ން ފެށިގެން 23:00 އަށް މި ފެސްޓިވަލްގެ ޙަރަކާތްތައް ކުރިއަށް ދާނެއެވެ.
މީގެ އިތުރުން 19 ވަނަ ދުވަހުގެ ރޭ ހާއްސަ ފުޓްބޯޅަ މެޗެއް ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސްޕޯޓްސް ފެސްޓިވަލް އިންތިޒާމް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ފެސްޓިވަލްގެ ޙަރަކާތްތަކުގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި، އިންތިޚާބީ ރައީސް އިބޫގެ އިތުރުން އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ސްޕޯޓްސް ފެސްޓިވަލްގައި މޫދާއި އެއްގަމުގައި ކުޅިވަރުތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ކުޅިވަރުތަކުގައި 17 އެސޯސިއޭޝަނެއްގެ އިތުރުން 15 އެންޖިއޯއަކުން ބައިވެރިވާނެ އެވެ.