Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މަރުގެ އިންސާފު ނުލިބެނީ ކޮރަޕްޝަނާއި ނުފޫޒު ވަންނާތީ: އާދަމް ޝަރީފް

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު - ފޮޓޯ: އަވަސް

މީހުންގެ މަރުތަކަށް އިންސާފު ނުލިބެނީ އަދި އިންސާފު ލިބުން ލަސްވަނީވެސް ކޮރަޕްޝަނާއި ނުފޫޒުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި އޭނާ ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކޮރަޕްޝަންގެ އެ ވާހަކަތައް ދައްކާތީ ބައެއް މީހުން ކަންބޮޑުވަނީ ކީއްވެތޯ އޭނާ ވަަނީ ސުވާލު އުފައްދަވައިފަ އެވެ.

އަދި ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ ޚިޔާނާތެއް ނޫން ކަމަށާއި، ބަޣާވާތް ކުރުމަކީ ވެސް ބޮޑު ޚިޔާނާތެއް ކަމަށާއި، މަޤާމާއި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ކުރުމަކީ ވެސް ކޮރަޕްޝަން ކަމުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅޭ މަޢުލޫމާތު އެނގޭ މީހުން އެ ވާހަކަތައް ނުދައްކާ މަޑުކުރަނީ ކޮރަޕްޝަންގެ ކަމެއް އެކަމުގައި އުޅެތީތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"އެފަދަ ވާހަކަތައް ހާމަކުރާނަމަ، އެގޮތަށް މަރާލާފައިވާ ރ. މީދޫ އަނަސް ފަދަ އެތައް ބައެއްގެ އިންސާފު ހޯދަން ފަސޭހަވާނެ. މީހުންގެ މަރުގެ އިންސާފު ނުލިބެނީ ވެސް އަދި އިންސާފު ލިބުން ލަސްވަނީ ވެސް ކޮރަޕްޝަނާއި ނުފޫޒު ވަންނާތީ"، އެ ޕޯސްޓްގައި އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި އިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ރަނގަޅު ވަގުތު ޖެހުމުން އެ މަރާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.