ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީ އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.
ރައީސް ނަޝީދު ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގެވެ. އަދި އެމަނިކުފާނުގެ އިސްތިޤުބާލުގައި މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކު ގަން އެއާޕޯޓް ބޭރުގައި ކިއޫ ހަދާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރައްވާނީ ފޭދޫގެ ރައްޔިތުންނާއި އެވެ.
މިއީ ދެއަހަރަށް ވުރެ ގިނަ ދުވަހު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވުމަށް ފަހު މިމަހުގެ އެއްވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، އަތޮޅުތެރޭގެ ރަށަކަށް ނަޝީދު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.