ކުރިއަށް އޮތީ އަނެއްކާވެސް، އައްޑޫ ސިޓީއަށް އުފާވެރި ފާގަތި ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އެމަނިކުފާނު އައްޑުއަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާއެކު ނަންގަވާ ސެލްފީގެ މާނަ ދަސްކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
"އޭގެ މާނައަކީ ތިމަންނާ ބޭނުމީ ތަރައްގީއޭ، ތިމަންނާއަކީ ފަޚުރުވެރި އައްޑޫ ދަރިއެކޭ، ތިމަންނާ މީ ސަޅި، އައްޑޫ މީހެކޭ"
ރައީސް ނަޝީދު ވަނީ އައްޑޫ ސިޓީގެ ތަރައްގީއަކީ މުޅި ރާއްޖެއަށް ވެސް މުހިންމު ތަރައްގީ އެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސިޓީ ތަރައްގީ ނުކުރެވި، ރާއްޖެ އަދި މާލެވެސް ތަރައްގީ ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދަށް އައްޑޫއިން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު އެމަނިކުފާނު އައްޑުއަށް ވަޑައިގެންފައި މިވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަހު ގައުމުން ބޭރުގައި ހުންނެވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު މާލެ ވަޑައިގެންނެވުމަށް ފަހުގައެވެ.