ޚަބަރު

ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވަން ޚިޔާލެއް ނެތް: ނަޝީދު

ނަޝީދު އީސީސީ ހުޅުވައިދެއްވަނީ . .

އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައި ސާކް ސަމިޓު ބޭއްވުމަށް އެޅި ކޮންވެންޝަން ސެންޓަރ، ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވި މަސައްކަތް ހުއްޓުވުމުގެ ޚިޔާލެއް އިއްތިހާދުގެ ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނު އައްޑުއަށް ފެއްޓެވި ދަތުރުފުޅުގައި، ހަވީރު ފޭދޫ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވަން ގަސްދު ނުކުރައްވާ ކަމަށާއި އެމަސައްކަތް ކުރިއަށް ގެންދަން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކީ ހަލާކު ކުރާ ބަޔެއް ނޫން. އަޅުގަނޑުމެންނަކީ ބިނާ ކުރާ ބަޔެއް. ރައީސް ޔާމީން އެކުރައްވާން ފެއްޓެވި މަސައްކަތް އަލުން ބަދަލުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއް ނޫން. ދެނެއް އެކޮންވެންޝަން ސެންޓަރަކީ ހޮސްޕިޓަލް ނޫން ތަނެއްގެ ގޮތުގައި ހަދަން އަޅުގަނޑަށް ނުފެނޭ. މިހާރު ކުރި ޚަރަދު ބޭކާރު ކުރުމަކީ އަޅުނގަޑުމެން އެކަކަށް ވެސް ރަނގަޅު ގޮތެއް ނޫން. ކޮންވެންޝަން ސެންޓަރެއް އަޅުގަނޑުމެން ބޭނުންނަމަ އާ ސެންޓަރެއް އަޅާނީ"

ރައީސް ނަޝީދު ވިދާޅުވީ ކޮންވެންޝަން ސެންޓަރު ބިނާކޮށްފައި ހުރި ފުރިހަމަ ކަމާއި ވަރުގަދަ ކަމުން ރައީސް ޔާމީނަށް އެތަން އެއްކޮށް ހަލާކު ކޮށްނުލެވުނު ކަމަށެވެ. ނަޝީދު ވަނީ ކޮންވެންޝަން ސެންޓަރު ރައީސް ޔާމީން ހަލާކުކޮށްފައިވާ ކަމަށް މިއަދުގެ ވާހަކަފުޅުގައި ވިދާޅުވެފައެވެ.

އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ މިސަރަހައްދުގައި ހުރި ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާއިރު ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ޖުލައި މަހު ހޮސްޕިޓަލް ހުޅުވިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ދުވަހަށް މަސައްކަތް ނުނިމި އަހަރު ނިމެންވާއިރަށް ހޮސްޕިޓަލް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކުރިއެވެ. ނަމަވެސް ހޮސްޕިޓަލް ހުޅުވޭއިރު އެ ހޮސްޕިޓަލަކީ ހުރިހާ ޚިދުމަތެއް ދެވޭނެ ހޮސްޕިޓަލެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.