ވޯޓު ކަރުދާސް ނައްތާލާފައިވަނީ ކަރުދާސް ބެހެއްޓުން ލާޒިމް ކުރާ މުއްދަތު ހަމަވިތާ ހަތް ދުވަސް ފަހުން ކަމަށާއި އެއީ ކުއްލިއަކަށް ކުރި ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވޯޓު ކަރުދާސް ނައްތާލުމުގެ ސަބަބުން ޝަރީފް މިއަދު ފުލުހަށް ހާޒިރުކޮށްފައިވާއިރު ޝަރީފް ވިދާޅުވީ ވޯޓާ ގުޅޭ ތަހުގީގެއް ހިންގާކަން އަންގާފައިނުވާ ކަމަށެވެ. އަދި ކަރުދާސް ޝްރެޑު ކުރިއިރު އީސީއަށް އެފަދަ މައުލޫމާތެއް އެނގިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ފުލުހަށް ހާޒިރުކުރި ފަހުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވަނީ ޓުވީޓަކުން، ވޯޓު އޮޅުވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހަށް ހުށައަޅާފައިވާ ކަން އިއުލާން ކޮށްފައެވެ. އަބްދުއްރަހީމް ވަނީ އެމައްސަލަ ހުށައަޅާފައިވަނިކޮށް "ކުއްލި ގޮތަކަށް" ވޯޓު ކަރުދާސް ނައްތާލުމުން ސުވާލު އުފެދޭ ކަމަށް ބުނެފައެވެ.
ނަމަވެސް އީސީ ރައީސް ޝަރީފް ވިދާޅުވީ ގާނޫނީ ގޮތުން ވޯޓު ކަރުދާސް ބެހެއްޓުން ލާޒިމުކުރާ ދުވަސް ހަމަވެފައިވާ ކަމަށެވެ.