ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް، ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ކައުންސިލަރުންނާ މަޝްވަރާ ކުރައްވާފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލިތަން ފެނިގެން ދިޔައިރު އައްޑޫ ސިޓީ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ނަޝީދުގެ ބައްދަލުވުމުގައި ރައީސް އިބޫގެ ޓްރާންސިޝަން ކޮމިޓީގެ ރައީސް އަބްދުﷲ ޝާހިދާއި ހަސަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރާ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.