ސައިފް އަލީ ހާންގެ އަންހެން ދަރިފުުޅު ބޮލީވުޑަށް ތައާރަފްވާން އުޅޭ ކަމުގެ އަޑުތައް ވަރަށް ގަދަވާން ފަށައިފި އެވެ.
މިދިޔަ އަހަރު ދަރިފުޅުގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަަންމަ އަދި ބަަތަލާ އަމްރިތާ ސިންގް ބުނެފައި ވަނީ ސާރާ ފިލްމް ކުޅުމާ ދޭތެރޭ އަދި ސީރިއަސްކޮށް ނުވިސްނާ ކަމަށާއި އޭނާގެ ހުރިހާ ސަމާލު ކަމެއް އަދި އޮތީ ކިޔެވުމާ ދިމާއަށް ކަމަށެވެ. ސާރާ މި ވަގުތު ކިޔަވަމުން އަންނަނީ އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީއެއްގަ އެވެ.
އުމުރުން 16 އަހަރުގެ ސާރާ ފިލްމީ ދުނިޔައަށް ތައާރަފްވާން އުޅޭ ވާހަކަ އޭރު ފެތުރުނީ މަންމަ އާ އެކު "ހެލޯ" މެގަޒިންގެ ކަވަރަށް އެރުމާ ގުޅިގެންނެވެ. އަމްރިތާ ބުނީ ސާރާ ފިލްމް ކުޅެން ބޭނުންވާ ނަމަ އެ ފުރުސަތު އާއިލާ އިން ތަނަވަސްކޮށް ދޭނެ ކަމަށެވެ.
ސާރާގެ ކެރިއަރާ ބެހޭ ގޮތުން ދެެކެވޭ ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް މިދިޔަ ހަފުތާގެ ތެރޭގައި އޭނާގެ ބޮޑު ދައްތަ އަދި ބަަތަލާ ސޯހާ އަލީ ހާން ވެސް މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ ސާރާއަކީ އެކްޓް ކުރެވިދާނެ ކުޅަދާނަ އަދި ރީތި އަންހެން ކުއްޖެއް ކަމަށެވެ. އެހެންވެ އޭނާ ސްކްރީނުން ދުށުމަށް އަދި އިންތިޒާރު ކުރަން ޖެހޭ ކަމަށް ސޯހާ ބުންޏެވެ.
ސޯހާގެ ވާހަކަތަކަަށް ފަހު މިހާރު ބައްޕަ ސައިފް ވެސް އަންނަނީ ދަރިފުޅުގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އުމުރުުން 22 އަހަރުގައި ފިލްމް "ޕަރަމްޕަރާ" އިން ބޮލީވުޑަށް ނިކުމެ، ކާމިޔާބް އަދި މިހާރު ބޮލީވުޑްގެ ނުފޫޒް ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފް ބުނީ ސާރާ "ފިލްމް ކުޅުމުގެ ހިޔާލާ މެދު ގަޔާވާ" ކަމަށާއި "ވާ ގޮތެއް ބަލަން ތިބެމާ" ހިނގާށެވެ.
ސާރާ ފިލްމް ކުޅެން ބޭނުންވާ ނަމަ އެކަމަށް އޭނާ އަށް އެއްވެސް ހުރަހެއް ނެތެވެ. އާއިލާ ތެރޭގައި ގިނައިން ތިބީ މަޝްހޫރު ތަރިންނެވެ.
އޭގެ ތެރޭގައި ބައްޕަ އާއި ބޮޑު ދައްތަ ސޯހާގެ އިތުރުން މާމަ ޝަރްމީލާ ޓެގޯރް ހިމެނެ އެވެ. މީގެ އިތުރުން ސާރާގެ ދޮން މަންމަ ކަރީނާ ކަޕޫރަކީ ބޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.
ޔަގީންވާ ކަމަކީ ސާރާ ފިލްމް ކުޅެން ބޭނުންވާ ނަމަ އެ ހުރިހާ އެންމެންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމަކާއި އެއްބާލުމެއް ލިބޭނެ ކަމަށެވެ.
އަނެއްކޮޅުން ބައްޕަ ސައިފަކީ އިލޫމިނަތީ ފިލްމްސް ނަމުގައި ޕްރޮޑަކްޝަން ހައުސްއެއް ހިންގާ ތަރިއެކެވެ. އެހެންވެ ފަހަރުގައި ސާރާ ބޮލީވުޑަށް ލޯންޗް ކުރާނީ ވެސް އެ ކުންފުނީގެ ތައްގަނޑުގައި ކަމަށް ވެދާނެ އެވެ.
ބޮލީވުޑަށް ތައާރަފްވާން މިހާރު ތައްޔާރުވަމުން އަންނަ ބައެއް ތަރިންގެ ލިސްޓަށް ބަލާ އިރު ސުނިލް ޝެޓީގެ ދަފިރުު އަތިޔާ ޝެޓީ، ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ޝްރޮފް، އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ ގޯވިންދާ ދަރިފުޅު ނަމްރަތާ އަހޫޖާ ރާޓީ އަގްނިހޯތުރީގެ ދަރިފުޅު ތަނުޖް ވިރްވާނީ ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް އާމިރް ހާންގެ ދަރިފުޅު ޖުނައިދު ފަދަ ޒުވާނުން ހިމެނެ އެވެ.