Last Updated: June 9, 13:15
Tuesday, June 9, 2026
ޚަބަރު

ރާއްޖެއަކީ މަނީ ލޯންޑަރިންގެ ހާއްޔެއް ނޫންކަން ދައްކަން ޖެހޭ: ނަޝީދު

ދިވެހި ރާއްޖެއަކީ ކަޅު ފައިސާ ހުދުކުރަން ނުވަތަ މަނީ ލޯންޑަރ ކުރަން ބޭރު މީހުން އަންނަ ހާއްޔެއް ނޫންކަން ބޭރު ދުނިޔެއަށް ދައްކަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ އަލްޖަޒީރާއިން ރިޕޯޓެއް ނެރެފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެފަދަ ތުހުމަތުތައް ފާއިތުވެދިޔަ ފަސް އަހަރު ވަނީ ކޮށްފައެވެ.

ނަޝީދު ވިދާޅުވީ އެފަދަ ނަމެއް ރާއްޖެއަށް ބޭނުންނުވާ ކަމަށާއި ދިވެހި ދައުލަތަކީ ރީތި ދައުލަތެއް ކަން ބޭރުގެ ފަރާތްތަކަށް ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.

އަދި ރާއްޖެއަށް އިންވެސްޓުމެންޓުތައް އަންނާނެ ކަމަށާއި އައްޑޫ ސިޓީއަށް ވެސް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދުގެ އައްޑޫ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫގެ ތަރައްގީ ދިވެހި ރާއްޖޭގެ ތަރައްގީއާއި ގުޅިފައިވާ މިންވަރަށް ވަރަށް ބޮޑަށް އަލި އަޅުވާލަމުންނެވެ.

އެމަނިކުފާނު ވަނީ އައްޑޫ ތަރައްގީ ނުކޮށް ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ފެށިގެންދާ އިބޫ ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ތަރައްގީއަށް ޚާއްސަ އިސްކަމެއް ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ހިތަދޫގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސަރުކާރު ރަނގަޅަށް ހިންގުމަށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ކޯލިޝަނަށް ދިނުމުގެ މުހިންމު ކަމަށް ވެސް އަލިއަޅުވާލާފައެވެ.

އިދިކޮޅަށް މެޖޯރިޓީ ދީފިނަމަ ފެނިގެން ދާނީ ކޮންމެ ދުވަހަކު ވަޒީރަކު ވަކިކުރާ ތަން ކަމަށާއި މަޖިލީހަށް ސިފައިން ވެއްދުމަށް ނޭދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.