ޑަންކޭން ހައިންސް ބްރޭންޑްގެ ކޭކު މިކްސްތަކުން "ސަލްމޮނެއްލާ" ޖަރާސީމު ފެނުމާއި ގުޅިގެން އެ ބްރޭންޑްގެ ބައެއް އުފެއްދުންތައް ބާޒާރުން ނަގަން ފަށައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އަދި ކޮމިޔުނިކަބަލް ޑިސީސް ކޮންޓްރޯލް އިން "ސަލްމޮނެއްލާ" ޖަރާސީމުގެ އައުޓްބްރޭކްއަކާއި ގުޅިގެން އެކަން ތަހުޤީޤުކުރަމުންދާ ކަމަށާއި، މިހާތަނަށް އެ ޖަރާސީމު ފެނިފައި ވަނީ ޑަންކޭން ހައިންސް ބްރޭންޑްގެ ބައެއް ކޭކު މިކްސްތަކުން ކަމަށް އެ އޮތޯރިޓީ ތަކުން ހާމަކުރާ ކަމަށެވެ.
އެ ޖަރާސީމު އެކުލެވިފައިވާ ކަމަށް ލަފާކުރެވެނީ ޑަންކޭން ހައިންސް ކްލެސިކް ވައިޓް ކޭކް މިކްސް 15.25oz އާއި ކްލެސިކް ޔެލޯ ކޭކު މިކްސް 15.25oz، އަދި ބަޓާ ގޯލްޑެން ކޭކް މިކްސް 15.25ozގެ އިތުރުން ސިގްނޭޗަރ ކޮންފެޓީ ކޭކު މިކްސް 15.25oz އިން ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
އެމްއެފްޑީއޭ އިން ބުނީ މި ކޭކު މިކްސްތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި، ވިއްކަން ބެހެއްޓުމަކީ މަނަކާކަމެއް ކަމަށެވެ. އަދި އެތަކެތި ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން މި އުފެއްދުންތައް ވިއްކަން ހުރިކަން ފާހަގަކުރެވިއްޖެނަމަ އެމްއެފްޑީއޭގެ ނަންބަރު 3014361 ފޯނަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އަންގާފައެވެ.