ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް 15 މިނެޓްގެ ވަގޮތުކޮޅެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީ އިން ފާސްކޮށްފި އެވެ.
މިގޮތަށް ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ. ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ކޮރަޕްޝަންގެ ތުހުމަތު ތަކަކާއި އެކު އެ މައްސަލަ މަޖްލިސްއަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.
ނާޒިމް ވިދާޅުވީ ޖޭއެސްސީގައި ރިޒާ ހުންނަވައި ޤާނޫނުން ލާޒިމްކުރާ މަސްއޫލިއްޔަތު އަދާ ކުރަމުން ނުދާކަމަށެވެ. ގިނަ ފަނޑިޔާރުންނާއި ގާތް ގުޅުމެއް އޮންނަ ރިޒާ ވަކީލެެއްގެ ގޮތުން ބޮޑު އަގުގައި ވަކާލާތު ކުރައްވާކަމަށްވެސް ނާޒިމް ހުށަހެޅުއްވި މައްސަލާގައިވެއެވެ.
ނާޒިމްގެ ސިޓީގައި ވިދާވެފައިވާ ގޮތުގައި ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބެއްލެވުމާއި ފިޔަވަޅު އެޅުއްވުމުގައި ރިޒާ ވަނީ ހަމަ އާއި އިންސާފުން އެއްކިބާވެވަޑައިގެންފަ އެވެ.
މީގެ އިތުރުންވެސް ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މައްސަލަތަކުގައި ވަކާލާތު ކުރައްވަން ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކަށް ރިޒާ ވަޑައިގެންނެވުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާްތްތަކަށް ލިބުމާއި އެކު މި މައްސަލަ ހުށަހެޅުއްވި އިރު ކޯޓުތަކުން ހިންގާފައިވާ ގިނަ ކަންކަން ހިންގުމުގައި ރިޒާގެ ދައުރު ބޮޑުކަމަށް ތުހުމަތުކޮށްފައިވެއެވެ.
ރިޒާ ޖޭއެސްސީގައި ހުންނަވާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އައްޔަން ކުރެއްވީ ޕީޕީއެމްއިންނެވެ. އަދި އޭނާއަކީ ޖޭއެސްސީގެ ނައިބު ރައީސްއެވެ.