ލޯތްބަކީ ގަދަބާރުން އަތުލެވޭ އެއްޗެއް ނޫންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސާބިތުކޮށްދެއްވައިފި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ލިބެމުން އަންނަ ތަރުހީބަށް އިޝާރާތް ކުރައްވައި މަހްލޫފް ވިދާޅުވީ ގަދަބާރުން ލޯބި ނުހޯދޭނެ ކަން ނަޝީދު ސާބިތުކޮށްދެއްވައިފި ކަމަށެވެ.
އަދި އެމަނިކުފާނަކީ ރައީސް ޔާމީންގެ ނަޒަރުގައި އެއް ނަމްބަރު ޓެރަރިސްޓެއް ކަމަށާއި، ނަމަވެސް މިފެންނަ މަންޒަރުތަކުން ކިޔައިދެނީ އެހެން ވާހަކައެއް ކަމަށް މަހޭ ވިދާޅުވިއެވެ.
ނަޝީދު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. އައްޑޫއިން ފުރާ ވަޑައިގަތުމުގެ ކުރިން ހުރިހާ އަވަށަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.